ބ.ކުޑަރިކިލު ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނުފެށި ލަސް ވަނީ މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީ ހޯގާޑުން ބުނެފިއެވެ.
އެކުންފުނިން ބުނީ ކުރިން އެރަށު ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް މިމަސްތެރޭގައި ފެށުމަށް ތައްޔާރުވި ކަމަށާ، އެހެންނަމަވެސް މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ ދެމަސްފަހުން ކަމަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުޑަރިކިލު ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ބޭނުންވާ ސްޕީޑެއްގައި ކުރިއަށް ނުގެންދެވޭ ކަމަށާއި އެހެން އެކަން ދިމާވީ އެބަނދަރުގެ ބޭރު ތޮއްޓަށް ބޭނުންވާ ހިލަ ލިބުން ލަސްވަމުން ދިއުމާ ގުޅިގެން ކަމަށް އެމްޓީ ހޯގާޑުން ބުނެއެވެ. ކޯވިޑްގެ ބަލިމަޑުކަން އިންޑިއާގައި ބޮޑުވުމާ ގުޅިގެން އެގައުމުން ހިލަ ބަރު ނުކުރެވި ލަސްވަމުންދާކަމަށާއި، އަދި ބޯޑަރުތައް ބަންދުވެފައި އޮތުމާއި ގުޅިގެން ވެހިކަލް އޮޕަރޭޓް ކުރާ އިތުރު މީހުންނަށް ރާއްޖެ ނާދެވުމަކީވެސް މިބަނދަރުގެ މަސައްކަތް ނުފެށި ލަސްވާން ދިމާވާ ސަބަބެއްކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. އަދި މިކަންކަމަށް ހައްލު ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.
ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ބ.އަތޮޅު ދޮންފަނާއި، ކިހާދޫ އާއި ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ކުޑަރިކިލު ބަނދަރުގެ މަސައްކަތް ފެށުމަށް އެކުންފުނިން މީގެކުރިން ތާވަލްކޮށްފައި އޮތީ އެންމެ ފަހުންނެވެ. އެރަށު ބަނދަރުގެ އެއްގަމު ތޮށި ހެދުމަށް ބޭނުން ކުރާ ގައުތައް އެރަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
އެހެން ނަމަވެސް ހުޅަނގު މޫސުމާއެކު ކުޑަރިކިލު ފަޅުގައި އަޅާފައި ހުރި އޮޑި ދޯނި ފަހަރަށް ގެއްލުން ވާން ފެށުމާއި ގުޅިގެން، ބަނދަރުގެ ބޭރު ތޮށީގަ ހިލަ ޖެއްސުމުގެ މަސައްކަތް ފެށުމަށް ތައްޔާރީ ތަކެއް ވީކަމަށާއި ނަމަވެސް މިދެންނެވި ސަބަބު ތަކާ ހުރެ މަސައްކަތް ލަސްވަމުންދަނީ ކަމަށް އެމްޓީ ހޯގާޑުން ބުނެއެވެ.
މިމަޝްރޫއުގެ ދަށުން މަސައްކަތް ކުރިއަށްދާ ދޮންފަނު ބަނދަރުގެ އެއްގަމު ތޮށީގެ ބޮޑުބައެއް މިހާރުވަނީ ނިންމާލާފައެވެ. އެބަނދަރުގެ އެއްގަމު ތޮށީގެ އިރުމަތީ ވާޓަރުގެ މަސައްކަތް ނިމި އެއްގަމާ ވީ ފަޅިން 150 ފޫޓްގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ ނިމިފައެވެ.
އަދި ކިހާދޫ ބޭރު ތޮށީގައި ހިލަ ޖެއްސުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން ބޭރު ތޮށީގަ ބޮޑު ސަރަހައްދެއްގައި ހިލަ ޖައްސާނިމިފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
""މިހާރު ކުރިއަށްދަނީ ބަނދަރަށް ބޭނުންވާ އައު ނެރު ކެނޑުމުގެ މަސައްކަތް. މިހާރު ބޭނުންކުރާ ނެރު ބައްދާލުމާއެކު މަސައްކަތުުގެ ސްޕީޑަށް ބާރުކަމެއް އަންނާނެކަމަށް ގަބޫލް ކުރަން"ކިހާދޫ ކައުންސިލްގެ ރައީސް ޙުސައިން ޝާފިއު
ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް މި 3 ރަށުގެ ލަފާފުރުމުގެ މައްސަލައަށް ސަރުކާރުން އުއްމީދު ގެނުވާފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މި 3 ރަށުގެ ބަނދަރުގެ މަސައްކަތް 108.3 މިލިޔަން ރުފިޔާއަށް ހޯގާޑްއާ ހަވާލުކޮށްފައިވަނީ 381 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.