ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ ދަށުން ބ. އަތޮޅުގެ 13 ރަށުގައިވެސް ފަތުރުވެރިކަމުގެ ވިޔަފާރި ފަށަން ބޭނުންވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން އަތޮޅުގެ ކައުންސިލްތަކާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާއި ގުޅިގެން ސަރުކާރުން ކުރައްވަން މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ އެ މިނިސްޓްރީން ފޯރުކޮށްދެއްވާނެކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ބައިވެރިވި ބ އަތޮޅު ކައުންސިލްތަކުގެ ރައީސުން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ އަތޮޅެއްނަމަވެސް އެ ސިނާއަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި އަތޮޅުގެ ރަށްތަކަށް ނުލިބޭ މައްސަލައެވެ. އަދި މަިކަންކަމަށް ސަރުކާރުން ގާތުން މަސައްކަތް ކޮށްދެއްވުމަށް ކައުންސިލަރުން ވަނީ އެދިވަޑައިގެންފައެވެ. ކައުސިލަރުންގެ ކަންބޮޑުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.އެދި އެކަމުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަންވެސް މިނިސްޓަރ މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.
ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ބ. އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިހާރުވެސް ބ.އަތޮޅުގައި 16 ރިސޯޓެއް ހިންގަމުން އަންނައިރު، އަތޮޅުގެ ގިނަ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.