ކޯވިޑް-19

މަހަކަށްވުރެ ގިނަ ދުވަސްފަހުން ކޯވިޑްގެ ޢަދަދުތައް 300 އިން ދަށަށް


މަަހަކަށްވުރެ ދުވަސްފަހުން ރާއްޖެއިން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކުރި ކޯވިޑް-19ގެ ކޭސްތައް 300އިން ދަށަށް ގޮސްފިއެވެ. އެޗް.ޕީ.އޭއިން އެންމެފަހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން 295 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 295 މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން ޕޮޒިޓިވެފައިވަނީ 138 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 146 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 11 މީހަކު މީގެ ތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 69831 އަރާފައެވެ.

ކޯވިޑް-19ގެ 4 ވަނަ ރާޅާއެކު މިނިމުނު މެއިމަހަކީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ރިކޯޑް ޢަދަދަކަށް މައްޗަށް އަރައިގެންދިޔަ މަހެކެވެ. އެގޮތުން މެއިމަހު އެކަނިވެސް 34500 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އަދި މެއި މަސް ނިމުނުއިރު ކޯވިޑް ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ހުރީ 24000 އިން މަތީގައެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މެއިމަހުގެ ފަހުކޮޅުން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރަން ފެށުމާއެކު ޖޫންމަހުގެ ތެރޭގައި ޢަދަދުތައް މިވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިގެން 300 އިން ދަށުން އެންމެ ފަހުން ރިކޯޑްކުރެވިފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 253އެވެ.

ރާއްޖޭގެ ޙާލަތު މިހާރު ރަނގަޅުވާން ފަށާފައިވާއިރު، ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑުތަން މިވަނީ ދަށްވާން ފަށާފައެވެ. އެގޮތުން މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ފަރުވާ ހޯދާ މީހުންގެ އަދަދަކީ 13071 މީހުންނެވެ. ހަމައެހެންމެ މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ރާއްޖޭގައިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެނީ 111 މީހުންނަށެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1504 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ޖުމުލަ 56559 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޯވިޑަށް 4736 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 192 މީހަކު ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 175 ދިވެހިންނާއި 17 ބިދޭސީންނެވެ.