ރިޕޯޓް

"ޓީމް ޚާރިޖިީ"އަށް މިނިސްޓަރ ޝާހިދުގެ ހިފެހެއްޓުމެއްނެތް ޝުކުރު


އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ކާމިޔާބުވެގެންދިއުމަކީ ރާއްޖެއިން ބޭރުގައިވާ ރާއްޖޭގެ ޑިޕްކޮމެޓިކް މިޝަންތަކުން އަދާކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއަށް މި ލިބުނު ކާމިޔާބީއަކީ ޖަޕާނުގެ ޓޯކިޔޯއިން ފެށިގެން އެމެރިކާގެ މެންހަންޓަންއާ ދެމެދު ހުރި ދިވެހި 17 މިޝަނުގައި މަސައްކަތްކުރައްވާ "ޓީމް ޚާރިޖީ"ގެ ބުރަ، އިޚްލާސްތެރި މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި އެ ޓީމުގެ މަސައްކަތާމެދު ޚުދު އެމަނިކުފާނާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ކާމިޔާބުކުރުމުގައި ދިވެހި ޚާރިޖީ ޓީމުން ކުރި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ ކުރެއްވި ޓުވީޓުގައިވަނީ މި މަސައްކަތްކުރެއްވީ ދަތި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސަައްކަތާއެކު ޚާރިޖީ ގުޅުންތައް ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ އެހީއާއި ވިޔަފާރީގެ ފުރުޞަތުތަކާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ޚާރިޖީގޮތުން މަސައްކަތް ކުރަމުންއައިކަމާއި އެމަސައްކަތްތަކުގެ ކާމިޔާބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދިވެހި ޚާރިޖީ ޓީމާ ބައްދަލުކުރައްވައި މިނިސްޓަރ ޝާހިދުވަނީ މިކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދުގެ ޚާއްސަ މަންދޫބަކަށް ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ވަނީ ހަމަޖައްސަވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ރައީސްގެ ޗީފް އޮފް ސްޓާފަކަށް ނުވަތަ ޗެފް ޑި ކެބިނެޓްގެ މަޤާމަށް އިންޑިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރުވެސް ހަމަޖައްސަވާފައެވެ.

ޢާންމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދ.ގެ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަށް ހޮވިވަޑައިގަތީ އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ވޯޓާއެކުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. 2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙެއެވެ. މިއީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެންގޮސްފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބަލަހައްޓާ 6ވަނަ ޤައުމަށެވެ.

އދ.ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ކޮންމެ އަހަރަކުވެސް ޢާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް 5 ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސިފިކް، އިރުމަތީ ޔޫރަޕް، ލެޓިން އެމެރިކާ، ކެރިބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.

އދ.ގެ ޢާންމު މަޖިލީހަކީ އދ.ގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި ޢާންމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދ.ގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.

ދިވެހިރާއްޖެއިން އދ.ގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހުއެވެ.