ކޯވިޑް-19

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތަކަށް ހެޔޮބަދަލުތަކެއް ވަނީ އައިސްފައި: އެޗްއާރުސީއެމް


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ޚިދުމަތްދޭ ސްޓާފުންގެ ޢަދަދު އިތުރުކޮށް، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗް.އާރް.ސީ.އެމުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ޤާއިމުކޮށްފައިވާ މައި މަރުކަޒަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއެވެ. އެތަނުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާމެދު އާއްމުންގެ ގިނަ ކަންބޮޑުވުންތަކަކާއި މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވާން ފެށުމާގުޅިގެން އެޗް.އާރް.ސީ.އެމުން ވަނީ އެތަނުގެ ޙާލަތު ދެނެގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޒިޔާރަތްކުރައްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.

އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ތިބި ނަރުހުންގެ އަދަދު މަދުވުމުން އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ލަސްތަކަކާއި، ބޮޑެތި ގޮންޖެހުންތައް ހުރިކަން ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ. އެޑްމިޓްކުރާ މީހުންނަށް އާއިލާތަކުން ފޮނުވާ ކާތަކެތި ހަވާލުވުމަށްފަހު އެތަކެތި އެކަމަށް ހާއްސަ ވޯޑްތަކަށް ގެންދެވޭކަމަށާއި އެހެންނަމަވެސް ނަރުހުންނާއި އެޓެންޑެންޓުން މަދުވުމުން އެމީހުންގެ މަސައްކަތްތައް ހުންނަގޮތުން ބަލިމީހާއަށް މިތަކެތި ލިބުމުގައި ލަސްތަކެއް ދިމާވާ ކަމަށް އެޗް.އާރު.ސީ.އެމުން ވިދާޅުވެފައިވެއެވެ. އަދި ބަލި މީހުންގެ އާއިލާތަކަށް ބަލިމީހާގެ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން ގުޅޭނެ ނަމްބަރުތައް ނަގާ އެކަން ކުރެވޭނެ އިންތިޒާމު ފެސިލިޓީގައި ހަމަޖައްސާފައިވީ ނަމަވެސް ބައެއް ފަހަރު ވޯޑްތަކުން މައުލޫމާތު ލިބުން ލަސްކަންވެސް އެޗް.އާރު.ސީ.އެމްގެ ރިޕޯޓްގައިވެއެވެ.

ހުޅުމާލޭ ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު އެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮމިޝަންގެ ރިޕޯޓްގައި ގޮވާލާފައިވެއެވެ. އަދި ބައެއް މުވައްޒަފުން ބަންދެއް ނެތި 12 ގަޑިއިރު މަސައްކަތް ކުރާކަމަށާއި އެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާތީ އެ މައްސަލަ ވަކިން ބަލަމުން އަންނަކަންވެސް ކޮމިޝަނުން އޭރު ނެރުނު ރިޕޯޓްގައިވެއެވެ.

އެޗް.އާރު.ސީ.އެމުން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު، އެތަނުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އެކި އިދާރާތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކޮމިޝަނުން ހުށަހެޅި ކަންކަން ފުރިހަމަވެފައިވާ މިންވަރު ދެނެގަތުމަށް ހެލްތު މިނިސްޓްރީ، އައި.ޖީ.އެމް.އެޗް، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި އިސްލާމިކް މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެޗް.އާރު.ސީ.އެމުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޚިދުމަތް ދިނުމަށްޓަކާ ފެސިލިޓީގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރުވެފައިވާކަމާއި، ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ޞިއްޙީ ޚިދުމަތްދޭ އިތުރު މަރުކަޒުތަކުގައި ބަލި މީހުން ޓްރައޭޖްކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމުގެ މަޢުލޫމާތު މުއައްސަސާތަކުން ހިއްސާކުރައްވާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި އެތަނުގައި މަސައްކަތްކުރާ ސްޓާފުން އިތުރުވުމުގެ ސަބަބުން ތަނުގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދޭކަންވެސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް އެތަނުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް މި ބައްދަލުވުމުގައި ބައިވެރިން ހިއްސާކުރެއްވި މަޢުލޫމާތުން ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ކޯވިޑްގެ 4 ވަނަ ރާޅާއެކު އެންމެ ބޮޑަށް ބާރުބޮޑުވެގެން ދިޔަ ތަނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުތައް މެއިމަހުގެ ތެރޭގައި އިތުރުވެގެންދިއުމާއެކު، އިންސާނީ ވަޞީލަތުގެ ދަތިކަން އެ ފެސިލީޓީއަށް އިންތިހާއަށް ބޮޑުވެގެންދިޔައެވެ. އެހެންނަމަވެސް މިކަންކަމަށް އަވަސް ހައްލުތަކެއް ގެނެސް، އެތަނުގެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުން އިތުރުކޮށް، ވޮލެންޓިއަރުންގެ ގޮތުގައިވެސް ގިނަ ބަޔަކު މިހާރު ދަނީ އެ ފެސިލިޓީގައި މަސައްކަތްކުރަމުންނެވެ. އަދި ފެސިލިޓީއަށް އޮންނަ ލޯޑްކުޑަކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ބައެއްވެސް ކޯވިޑް ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ޚާއްސަކޮށްފައެވެ.