ސިއްހަތު

އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއި ހަވާލުކޮށްފި


އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ.އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓްރީއާއި އެސް.ޓީ.އޯއާއެކު ހެލްތު މިނިސްޓްރީން ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އެސްޓީއޯގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އަލަށް މިގެނެވޭ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެމްބިއުލާންސްތައް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.