ކޯވިޑް-19

މިޝްކާގެ މަރާ ގުޅޭ ތަޙްޤީޤު ނިމިއްޖެ، މިއަދު ހާމަކުރާނެ - މިނިސްޓަރ ނަސީމް


ފަރުވާ ދެވުން ލަސްވެގެން އިއްޔެރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ނިމިފައިވާކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ތަހުޤީގު ނިންމާ މިހާރު ރިޕޯޓް އެކުލަވާލާފައިވާކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ، މިޝްކާގެ މަރާ ގުޅިގެން، އެކަން ހިނގާދިޔަގޮތް ބަލާ، ފުރިހަމަކުރަންޖެހޭ ރިޕޯޓުގެ މަސައްކަތް އެ މިނިސްޓްރީގެ ކޮލެޓީ ކޮންޓްރޯލް ޓީމުގެ ފަރާތުން ނިންމާފައިވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެކަމާބެހޭ ތަފްޞީލު މީޑިއާ މެދުވެރިކޮށް އާއްމުންނާ ހިއްސާކުރައްވާނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ކޯވިޑަށް ޕޮޒިޓިވްވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ، އެ ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ. މި މައްސަލައިގެ ތަހުޤީގު ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި އެކަމުގެ ރިޕޯޓްތައް ބަލާ އެމަނިކުފާނުގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެކަމަށް ނަސީމް ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރު ފާތިމަތު މިޝްކާ މުހައްމަދަކީ މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ.

2018 ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.