ކޯވިޑް-19

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ރޭ ދަންވަރު 12:48 ހާއިރުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މިމީހާއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 172 އަކަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 156 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިބަލީގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކުވެސް ވަނީ ނިޔާވެފައެވެ. އުމުރުން 10 އަހަރުގެ އެކުއްޖާ ނިޔާވެފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް އިމަރޖެންސީގައި ފަރުވާދެމުންދަނިކޮށް އަންގާރަދުވަހުގެ ރޭ 12:10 ހާއިރުއެވެ. ކޯވިޑް ބަލީގައި ހާލު ދެރަވުމުގެ ސަބަބުން އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް ބަލީގައި މި ޖޫންމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވާ މަހެވެ. މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 88 މީހުން ވަނީ ނިޔާވެފައެވެ.