ޚަބަރު

މެދުރާއްޖެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި


މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯސަލް ސަަރވިސަސްއިން ވިދާޅުވީ، މެދު ރާއްޖެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް އެ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރއަކަށް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެކުއްޖާގެ އާއިލާއާއެކު މަސައްކަތްކުރަމުންދާކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއެކު މަސައްކަތްކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސައްޙަ ނޫން މަޢުލޫމާތު ޙިއްސާނުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ ޤާނޫނާއި ޚިލާފުވާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރެއްވުމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.