ބ.އަތޮޅު ކެންދޫން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންނަށްލައިފިއެެވެ. އެރަށުން ޕޮޒިޓިވްވީ ހުމާއި ރޯގާގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށްދެއްކި މީހެކެވެ. އެރަށް މޮނިޓަރިންނަށް ލާފައިވާއިރު، ބަލި ފެނުނު މީހާވަނީ ކަރަންޓީނުކޮށްފައެވެ. އަދި އެމީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެރަށު ހޮސްޕިޓަލާ ހަވަލާދީ ބ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.
ކެންދޫގެ އިތުރުން އެއަތޮޅު އޭދަފުށްޓާއި ތުޅާދުއާއި ދަރަވަންދޫވެސް އޮތީ މޮނިޓަރިންގައެވެ. އޭދަފުށި މޮނިޓަރިންނަށް ލާފައިވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށުން މިހާތަނަށް ދުއިސައްތަ ހަތްދިހަ ހަމީހަކު ވަނީ މިބައްޔައް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ބަލިން ރަގަޅު ނުވެތިބީ 57 މީހެކެވެ.
ތުޅާދޫ މޮނިޓަރިނަށް ލީ މިމަހުގެ 9ވަނަ ދުވަހު އާންމުންގެ ތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވްވުންނެވެ. ތުޅާދޫން މިހާތަނަށް 57 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 16 މީހަކުވަނީ ބަލިން ރަގަޅުވެފައެވެ. އަދި ބަލިން ރަގަޅު ނުވާ 41 މީހުން އެރަށުގައި އެބަތިއްބެވެ.
ދަރަވަންދޫ މޮނިޓަރިންނަށްލީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެރަށުން މިބަލި ފެނުނީ ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ކިބައިންނެވެ. އެމީހާ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ނަތީޖާ ނުލިބެނީސް ރަށުތެރެއަށް ނުކުމެ އުޅެފައިވެއެވެ. އެމީހާގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވެ ރަށްވަނީ މޮނީޓަރިންއަށް ލާފައެވެ. އެހެންނަމަވެސް މިމީހާ ކޮންޓެކްޓްވި އެއްވެސް މީހަކު މިހާތަނަށް އަދި ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންޓެކްޓްވި އެންމެން ތިބީ ކަރަންޓީންގައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
މިބަލީގައި މިހާތަނަށް ބ.އަތޮޅުން ދެމީހަކުވަނީ ނިޔާވެފައެވެ.