ކޯވިޑް-19

ކޯވިޑް-19 ދިފާޢު : އިތުރު 1،924 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް އިތުރު 1،924 މީހަކު ފުރިހަމަކޮށްފިއެވެ. ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަސްދޮޅަސް އެއް ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 1،924 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 526 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 1،398 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 161،454 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ރާއްޖޭން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 717 މީހަކު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި މާލޭއިން ފުރަތަމަ ޑޯޒް ޖެހި 294 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 423 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 307،927 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.