ޚަބަރު

އީރާނުން އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލައިފި


ހުރްމުޒް ކަނޑުއޮޅި މަތިން އުދުހެމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ އެމްކިއު-1 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރްޖީސީން ބުނެފިއެވެ.

އީރާނުގެ މީޑިއާތަކާ ހަވާލާދީ، މެޙެރް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ދިފާޢީ ނިޒާމުގެ ތެރެއިން އަލަށް އޮޕަރޭޓްކުރަން ފެށި، އެ ޤައުމުގެ އެންމެ ފަހުގެ ޒަމާނީ އެއިރޯސްޕޭސް އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެންނެވެ.

މި ހާދިސާއާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވެފައިވާއިރު، އދއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި އީރާނަށް އަލުން މަޝްވަރާތަކަށް އެނބުރި އައުމުގެ ފުރުޞަތު އަދިވެސް ހުޅުވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ވޯލްޓްޒް ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށުނު އީރާން ހަނގުރާމައިގައި ވަގުތު އޮތީ އެމެރިކާގެ ކޮޅުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އަދި މަޝްވަރާގެ މޭޒަށް އައުމުގެ ޝަރުތެއްގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ބަދަލު ހޯދުމަށް އީރާނުން އެދޭ ކަމަށް ބުނާ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް "ޚިޔާލީ" ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"އީރާނުގެ ސަރުކާރު މިއޮތީ 1979 ވަނަ އަހަރަށްފަހު އެންމެ ބަލިކަށި ހާލަތުގައި. އިޤްތިޞާދީ ފިއްތުންތަކާއި އެ ޤައުމުގެ ފައިސާގެ އަގު ވެއްޓެމުންދާތީ އެ ޤައުމު ދަނީ އިތުރަށް ބަލިކަށިވަމުން. އެހެންކަމުން އީރާނުން މަޝްވަރާތަކަށް އެނބުރި އަންނާނެ ކަމަށް އުއްމީދުކުރަން،" ވޯލްޓްޒް ވިދާޅުވިއެވެ.

މީގެއިތުރުން، ފަލަސްޠީނުގެ ޣައްޒާގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ޓްރަމްޕްގެ 20 ނުކުތާގެ ޣައްޒާގެ ސުލްޙައިގެ ޕްލޭން ތަންފީޒުކުރުމުގެ މަޝްވަރާތައް އޮކްޓޯބަރު 27 ގައި ބާއްވާ ޔަހޫދީ ދަޢުލަތުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށްފަހު ކުރިއަށްދާނެ ކަމަށެވެ.

މި ޕްލޭންގެ ތެރޭގައި ފަލަސްޠީނުގައި އިދާރީ ވެރިކަމެއް ޤާއިމުކުރުމާއި، ޣައްޒާ އާރާސްތުކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ ސުލްޙަ ބަލަހައްޓާ ފައުޖެއް ޤާއިމުކުރުން ހިމެނެއެވެ.

ނަމަވެސް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ގެ ހަތިޔާރު ބެހެއްޓުމާއި ފަލަސްޠީނުގެ ބިންތަކުން ޔަހޫދީ ސިފައިން ފޭބުމުގެ މަރުޙަލާ މިވަގުތު އޮތީ ހުއްޓިފައެވެ.

އަދި ހަމައެއާއެކު، ޔަހޫދީ ދައުލަތާ ގުޅުން ބަދަހިކުރުމުގެ "އަބްރަހަމް އެކޯޑްސް" ގައި އަލަށް ބައިވެރިވާން ބޭނުންވާ ޤައުމުތަކެއް އެބަތިބި ކަމަށް ވޯލްޓްޒް ވިދާޅުވި ނަމަވެސް، އެއީ ކޮން ޤައުމުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.