ޚަބަރު

ތިމާވެއްޓާ ރައްޓެހި އީޖާދުތަކަށް މާލީ އެހީ ހޯދުމަށް އެއްބާރުލުން ހޯދުމަށް ރައިސް ގޮވަލައްވައިފި


ތިމާވެއްޓާ ރައްޓެހި އީޖާދުތައް އުފެއްދުމަށްބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އަންނަ ކޮޕް ކަމިޓުގައި ވަކާލާތުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނުމިކަމަށް ގޮވާލެއްވީ އިނގިރޭސިވިލާތުގެ ވަލީއަޙުދު ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖްގެ އިސްނެންގެވުމަށް ވަރޗުއަލްކޮށް އޭޝިއާ ރީޖަނަލްގެ ވެރިންގެ މެދުގައި ބޭއްވި ކޮމަންވެލްތު ރައުންޑް ޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް ކުރާ ހޭދަ އިތުރުކުރަންޖެހޭކަމަށާއި، މި ބަދަލު ގެނެވޭނީ މިފަދަ ޓެކްނޯލޮޖީ ޤާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެންކަމަށެވެ. މިގޮތުން އަންނަ ނޮވެމްބަރު މަހު ސްކޮޓްލަންޑްގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް26 ސަމިޓްގައި މިކަމަށް ތާޢީދުކުރެއްވުމަށް ރައުންޑް ޓޭބަލްގެ ބައިވެރިންގެ ކިބައިން ރައިސް ޞާލިޙްވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ގޮންޖެހުންތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި ކްލައިމެޓް ޕްލޭންގައިވާ ގޮތަށް މިކަމުގެ ޙައްލަކީ ތިމާވެއްޓަށްލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންވެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމުގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ އިޤްތިޞާދުގެ ނާރެހަކީ ކަނޑުފަޅާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޤުދްރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ހުރިހާކަމެއް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ޤައުމަކުން އަލުން އިޤްތިޞާދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ވިލުންވެރި ގޮތްތަކެއް ޚިޔާރުކުން މުހިންމުކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ތަރައްޤީކުރުމުގައި ތިމާވެއްޓާ ރައްޓެހި ފެހި މިސްރާބަކަށް ގެންދިޔުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން، ރާއްޖެއިން ކްލައިމެޓް އިމަރޖަންސީ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަޞްދީޤުކޮށްފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ކުރަމުންދާ ކަނޑުފަޅުގެ ދިރާސާ އަދި މެރިޓައިމް ސްޕޭޝަލް ޕްލޭންގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ބަންގްލަދޭޝް، މެލޭޝިޔާ، އަދި، ސްރީލަންކާގެ ރައީސުންނާއި ބޮޑުވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުންތައް އިންތިޒާމްކޮށްފައި ވަނީ ކޮމަންވެލްތްގެ ކުރީގެ ޗެއާރ އަދި މިހާރު ޗެއާރ ގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސަރުކާރާއި ރުވާންޑާގެ ސަރުކާރުން ގުޅިގެންނެވެ.