ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ މުހިންމު ލިޔެކިއުންތަކެއް ހާމަ ކުރުމަށް ބުނެ އިނގިރޭސި އެފްއޭ އިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެފްއޭގެ ޗެއަރމަން ޑެބީ ހެވިޓް އިންފަންޓީނޯއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ފީފާ ފޯވާޑް އެންޓަރޕްރައިޒް އާއި ގުޅުން ހުރި ހުރިޔާ ލިޔެކިއުމެއްގެ އިތުރުން ނިމިގެންދިޔަ ވޯލްޑްކަޕްގައި އެމެރިކާގެ ފޯވަޑް ފޯލެރިން ބަލޮގަން އަށް ދެއްކި ރަތް ކާޑާއިއެކު އޭނާއަށް އައި ސަސްޕެންޝަން ކެންސަލް ކުރި ސަބަބުން ލިއުމުން ދިނުމަށެވެ. އަދި މި މައުލޫމާތު ދެން އޮންނާ ފީފާގެ ކައުންސިލް ބައްދަލުވުމުގެ ކުރިން ހިއްސާ ކުރުމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.
ފީފާގެ ނައިބް ރައީސްގެ މަގާމުގައިވެސް މިވަގުތު ހުރި ޑެބީ ހެވިޓް ފޮނުވި މި ސިޓީ އިންފަންޓީނޯގެ އިތުރުން ފީފާގެ ޖެނެރަލް ސެކްރެޓަރީ މަތިއަސް ގްރަފްސްޓޯމްއަށްވެސް ވަނީ ފޮނުވާފައެވެ. އަދި މި ސިޓީގައި ވަނީ ފީފާގައި އޮތް އިންސާފާއި ހަމަހަމަ ކަމުގެ އިތުރުން ހާމަކަން ބޮޑުކޮށް ކުރަމުން އައި ކަންތައްތައް ބަދަލުވެފައިވާކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
ފީފާ ފޯވާޑް އެންޓަރޕްރައިޒްގެ ދަށުން ވޯލްޑްކަޕް ހިމެނޭ ގޮތަށް ފީފާއިން އިންތިޒާމް ކުރާ މުބާރާތްތަކުގެ ހިއްސާގެ ބައެއް އާންމު ވިޔަފާރިވެރިންނަށް ވިއްކާލުމަށް އިންފަންޓީނޯ ނިންމުމާއިއެކު އޭނާއަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެކަމާއި ދެކޮޅަށް ޔޫރަޕް ބޮޑެތި ގައުމުތަކުން ތެދުވުމާއިއެކު އިންފަންޓީނޯ ވަނީ އެ ހުށައެޅުން ކެންސަލްކޮށްފައެވެ.
އަންނަ އަހަރުގެ މާޗް މަހު އޮންނަ ފީފާގެ އިންތިޚާބުގައި ހަތަރުވަނަ ދައުރަކަށް ވާދަކުރުމަށް އިންފަންޓީނޯ ނިންމާފައިވީ ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ގައުމުތަކުން ވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާފައެވެ.
އެގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކާއި އޭޝިޔާގެ އިތުރުން ކެރީބިއަން އާއި އުތުރު އެމެރިކާގެ ގައުމުތަކުންވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން މިދިޔަ މަހު ޔޫއެފާއިން ވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ޖިނާއީ ދައުވާތަކެއް ކުރުމަށް ނިންމާ އެ މައްސަލަ އެމެރިކާގެ ތިން ކޯޓަކަށް ހުށައެޅުމުގެ މަސައްކަތް ފަށާފައެވެ.