މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2026 މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ފޯރަމް ފެށުމުގެ ރަސްމީ އިފްތިތާހީ ޖަލްސާ މާދަމާ ހެނދުނު 9:00ގައި ވިލާ ކޮލެޖުގައި އޮންނާނެއެވެ. އަދި އޭގެ ފަހުން ހަވީރު 6:00 އާ ހަމައަށް އެކި މަޝްވަރާތަކާއި، މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ ޙަރަކާތްތައް މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްދާނެއެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އާއި ވިލާ ކޮލެޖުން ހޯސްޓްކުރާ އަދި އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް، އައިޖީއެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ފޯރަމްގައި ޑިޖިޓަލް އިކޯސިސްޓަމްގެ ތަފާތު ސްޓޭކްހޯލްޑަރުން ބައިވެރިވާނެއެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަންކުރާ ފުރުސަތުތަކާއި ގޮންޖެހުންތަކާއި އިސްކަންދޭ ކަންކަމާ ބެހޭ މަޝްވަރާތަކުގައި ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކާއި ފަންނީ މުޖުތަމައު އަދި ޒުވާނުންގެ ޖަމިއްޔާތަކުން ބައިވެރިވާނެއެވެ.
ދިވެހިރާއްޖެއިން ޑިޖިޓަލް ބަދަލުވުމުގެ ދަތުރު ކުރިއަށްގެންދާއިރު، މޯލްޑިވްސް އައިޖީއެފް 2026 ވެގެންދާނީ މުހިންމު ކަންތައްތަކަކާ މެދު ވާހަކަދެއްކުމަށް ލިބޭ މުހިންމު ޕްލެޓްފޯމަކަށެވެ. މީގެ ތެރޭގައި ޑިޖިޓަލް އިތުބާރާއި ރައްކާތެރިކަން، އާޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ ރައްކާތެރިކުރުމާއި ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން، ސައިބަރ ސެކިއުރިޓީ، ޓެލެކޮމިއުނިކޭޝަންސް، ޑިޖިޓަލް ދާއިރާގައި އެންމެން ޝާމިލުކުރުން އަދި ޑިޖިޓަލް އީޖާދުތައް ހިމެނެއެވެ. މި ފޯރަމްގެ ސަބަބުން ކަމާގުޅުންހުރި އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެ، ރައްކާތެރި، ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް ވެއްޓެއް ޤާއިމުކުރުމަށް އެހީތެރިވެދޭނެ ސިޔާސަތުތަކާއި މަސައްކަތްތަކާ މެދު މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި އަހަރުގެ ފޯރަމްގައި ސަރުކާރުގެ މުއައްސަސާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން މި ދާއިރާގެ ތަޖުރިބާކާރުން ހުށަހަޅައިދޭ ގިނަ ސެޝަންތަކެއް ހިމެނެއެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ މުސްތަޤުބަލާއި، ޑޭޓާ ރައްކާތެރިކުރުމާއި ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން، އޮންލައިން ރައްކާތެރިކަން، އޭ.އައި ގަވަރނަންސް އަދި ނުރައްކާތައް ކުޑަކުރުން، ފަސޭހައިން ލިބިގަނެވޭ ޑިޖިޓަލް ޚިދުމަތްތައް އަދި އަލަށް އުފެދެމުން އަންނަ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން އަލިއަޅުވާލެވޭނެއެވެ.
މީގެ އިތުރުން، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޑިޖިޓަލް ޓެކްނޮލޮޖީން ކުރާ އަސަރުތަކާއި، ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތަކަށް އޮންނަ އިތުބާރު ވަރުގަދަކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމާއި، އަދި ރާއްޖޭގެ ޑިޖިޓަލް ބަދަލުވުމުގައި ހުރިހާ މުޖުތަމަޢުތަކަކަށް ފުރިހަމައަށް ބައިވެރިވެވޭނެ ގޮތް ހެދުމާ ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި މަޝްވަރާކުރެވޭނެއެވެ.
މި ފޯރަމްގައި ރާއްޖޭގައި އިންޓަނެޓް ގަވަރނަންސްގެ ދާއިރާއިން އިސްކަންދޭންވީ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، ހުށަހެޅުންތައް ހުށަހެޅުމަށް ބައިވެރިންނަށް ލިބޭ ފުރުޞަތެކެވެ. މި ސެޝަންތަކުގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ޑިޖިޓަލް ވެއްޓަށް ބޭނުންވާ ޢަމަލީ ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ އިސްކަންދޭ ކަންކަން ދެނެގަތުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
މަލްޓި-ސްޓޭކްހޯލްޑަރ އުސޫލެއްގެ ދަށުން، އިންޓަރނެޓް ގަވަރނެންސް 2026 ގެ އަމާޒަކީ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ މަޝްވަރާތައް ކުރިއެރުވުމަށާއި، ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމަށާއި، އަދި ރާއްޖެއަށް ރައްކާތެރި، ޝާމިލު އަދި އިތުބާރުހުރި ޑިޖިޓަލް މުސްތަޤުބަލެއް ހޯދައިދިނުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އެހީތެރިވެދިނުމަށެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ މި މަޝްވަރާތަކުގައި ޢާންމު ރައްޔިތުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ޕްރޮފެޝަނަލުންނާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުން އަދި މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުން ބައިވެރިވެ، ޚިޔާލު ހުށަހެޅުމަށް ވަނީ ދަޢުވަތު އަރުވާފައެވެ. 2026 ވަނަ އަހަރުގެ މި ފޯރަމް ބާއްވަނީ ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން އިންޓަރނެޓް ސޮސައިޓީ އަދި ގްލޯބަލް އިންޓަރނެޓް ގެ އެހީތެރިކަމާއެކުއެވެ.