ކޯވިޑް-19

ކޯވިޑް-19 ދިފާޢު : އިތުރު 673 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް އިތުރު 673 މީހަކު ފުރިހަމަކޮށްފިއެވެ.

ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަންސާސް ތިން ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހުކުރު ދުވަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އަތޮޅުތަކުގައި އެކަންޏެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 673 މީހުންނާއެކު، ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 153،946 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 82 މީހުން ވަނީ ޖަހާފައެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 305،401 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.