ކޯވިޑް-19

ކޯވިޑް-19 : މިއަދުގެ ދެވަނަ މަރު، ނިޔާވި މީހުންގެ ޢަދަދު 122 އަށް


ކޯވިޑް 19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ، އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:15 ހާއިރުއެވެ. މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ.

މިއަދު މެންދުރުވެސް ވަނީ މި ބަލީގައި ދިވެހި ފިރިހެނަކު ނިޔާވެފައެވެ. އުމުރުން 48 އަހަރުގެ އެ މީހާ ނިޔާވީ، މިއަދު މެންދުރު 12:02 ގައެވެ. އޭނާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އިއްޔެވެސް މި ބަލީގައި ރާއްޖެއިން 4 މީހަކު ނިޔާވިއެވެ.

ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 15 ބިދޭސީންނެވެ. މިހިނގަމުންދާ މެއި މަހަކީ ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި މަހަށްވާއިރު، މިމަހުގެ މިހާތަނަށް 49 މީހުން ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.