ތަރައްްޤީ

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ތައްޔާރުވަނީ


ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ ކުރިން ބިންގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގޮތުން ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކާ ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެރަށަށް ގެންގޮސްފައިވާއިރު، މި ފެށޭ ޖޫންމަހުގެ ތެރޭގައި ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ހިލައާއި ހިލަވެލި ގެންގޮސް، އެމަސައްކަތް ފެށޭވަރުވާނެކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ، ސަރުކާރާއި ޙަވާލުކުރުމެވެ.