ކޯވިޑް-19

ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށައިިފި


ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

މާބަނޑު މީހުން ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފައިޒަރ ވެކްސިން މާބަނޑު މީހުންނަށް ދިނުމުގައި ބަލާނީ ފުރަތަމަ އަންނަ މީހުންނަށް އިސްކަންދޭ އުސޫލުން ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެހެންކަމުން ވެކްސިން ޖެހުމަށް މާބަނޑު މީހުން ޖެހެނީ، އެޗްޕީއޭގެ ޓުވިޓާރގައި ޢާއްމުކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާށެވެ.

ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހުއެވެ. އެގޮތުން އެޗް.ޕީ.އޭއިން މީގެ ކުރިން ވިދާޅުވީ، ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުން އިތުރުވަމުން އަންނައިރު ކުރިއާ ޚިލާފަށް މިހާރު މާބަނޑު މީހުންގެ ޙާލު ސީރިއަސްވާ ކޭސްތައް އިތުރުވަމުން އަންނަކަމަށެވެ. މީގެކުރިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޙާލަތު ގޯސްވެގެން އައި.ސީ.ޔޫއަށް ލާންޖެހޭފަދަ ޙާލަތަކަށް ނުދިޔަނަމަވެސް މިހާރު މާބަނޑު މީހުންނަށް އައި.ސީ.ޔޫގައި ފަރުވާދޭންޖެހޭ ނިސްބަތްވަނީ އިތުރުވެފައެވެ.


މާބަނޑު މީހުންގެ ޙާލަތު ގޯސްވެ ކުއްލި ފަރުވާއަށް އެޗްޕީއޭގެ ހޮޓްލައިނަށް ނުގުޅުމުގެ ދަތިކަން ކުރިމަތިވުމުގެ ޝަކުވާއާއެކު އެމައްސަލަ ޙައްލުކުރުމަށް އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް އޮބްސްޓްރެކްޓްރިކްސް އެންޑް ގައިނަކޮލޮޖީންވަނީ މިކަމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. އެގޮތުން މާބަނޑު މީހުންގެތެރެއިން ޕޮޒިޓިވް މީހުންނާއި ކޯވިޑަށް ޝައްކުކުރެވޭ މާބަނޑު މީހުންނަށް ކުރިމަތިވާ އެކި އިމަރޖެންސީތަކާ ގުޅިގެން 3308234އަށް ގުޅުމުން ޑޮކްޓަރުންގެ އެހީތެރިކަން ލިބޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މާބަނޑު މީހުންނަށް ފައިޒަރ ވެކްސިން ދިނުމަށް ނިންމާފައިވާއިރު ފައިޒަރ ވެކްސިނަކީ މިހާތަނަށް ރާއްޖޭގައި ދެމުން އަންނަ، ރައްކާތެރިކަން އެންމެ ބޮޑު އެއް ވެކްސިންއެވެ. ފައިޒަރ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ. މިވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނީ މާޗްމަހުއެވެ.

ފައިޒަރ ވެކްސިން ދެނީ ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުން ހިމެނެއެވެ. މި ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާއިރު، ރާއްޖޭގަ އުމުރުން 16އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދާ ފައިޒަރ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިންގެ 5،500 ޑޯޒް ވަނީ ލިބިފައެވެ.

މާބަނޑު މީހެެއް

ފާއިޒާ ވެކްސިން ޖަހަން ދާންޖެހެނީ ކޮންތާކަށް ތޯ؟