ޚަބަރު

އޭޑީކޭއަށް 60،000 ޕީސީއާރު ޓެސްޓްކިޓް ގެންނަނީ


ރާއްޖޭގައި ކޯވިޑްއަށް ޓެސްޓުކުރެވޭ މިންވަރު އިތުރުކުރުމަށް 60،000 ޕީސީއާރް ޓެސްޓު ކިޓު ރާއްޖެއަށް އެކްސްޕޯޓްކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަދީފިއެވެ.

ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ 60،000 އާރްޓީ-ޕީސީއާރް ޓެސްޓު ކިޓު ރާއްޖެއަށް އެކްސްޕޯޓުކުރުމުގެ ހުއްދަދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ބޭނުމަށްކަމަށެވެ.

އިންޑިއާގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ ޢަދަދު ދުވާލެއްގެ މައްޗަށް ތިން ލައްކައާއި ހަތަރުލައްކައާ ދެމެދުގައި ހުންނަތާ ދުވަސްތަކެއްވެފައިވާއިރު، އެޤައުމުގެ ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން އޮކްސިޖަންއާއި އެނޫންވެސް އާލާތްތައް ހުސްވާ މައްސަލަވަނީ ފަހަކައަށްއައިސްވަނީ ކުރިމަތިވެފައެވެ.

ބަލީގެ ނުރައްކާ ބޮޑުވެ އެޤައުމުގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އެހެން ޤައުމުތަކަށް ފޮނުވުންވަނީ މެދުކަނޑާލާފައެވެ. އެގޮތުން އިންޑިއާގައި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރާއްޖެއަށް ލިބެންޖެހޭ ކޮވިޝީލްޑްގެ ވެކްސިން ޝިޕްމަންޓް މިދިޔަމަހު ލިބިފައިނުވާތީ އެވެކްސިން އާންމުކޮށް ޖެހުން ރާއްޖޭގައިވަނީ ހުއްޓާލާފައެވެ.

އިތުރު ޕީސީއާރު ޓެސްޓްކިޓުތަކެއް ރާއްޖެއަށް އެކްސްޕޯޓުކުރުމުގެ ފުރުސަތު އިންޑިއާއިން ދިނުމާއި ގުޅިގެން އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އަޙްމަދު ނާޝިދުވަނީ ކޯވިޑް-19ގެ މިދަތި ދަނޑިވަޅުގައިވެސް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަަށް ޝުކުރު އަދާކޮށްފައެވެ.