ކޯވިޑް-19

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 350އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 350 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 135 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 217 މީހަކު ޖޫރިމަނާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 3 ތަނެއްވެސް ޖޫރިމަނާކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން އާއްމު ޚިދުމަތްދޭ ތަންތަނުގައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެޗް.ޕީ.އޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަންތަނުގައި ތަންފީޒުކުރަމުންދާ މިންވަރު ދޭތެރެ ދޭތެރެއިން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޙާލަތު އަނެއްކާވެސް ގޯސްވުމާގުޅިގެން، ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތައްފަދަ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފަދަ 50 ތަނެއް އިންސްޕެކްޓްކޮށްފައިވާކަމަށާއި، އެ ހުރިހާތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވަނީ މިމަހުގެ 5ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަޅެއްގެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12އިން ފަތިހު 4އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 6ވަނަ ދުވަހު ވަނީ ކާފިއު އިޢުލާންކޮށް، ރޭގަނޑު 09:00އިން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފައެވެ.

އެހެންނަމަވެސް މާލޭ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވުމާގުޅިގެން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ވަނީ އިތުރުކޮށްފައެވެ. އެގޮތުން މެއި މަހުގެ 12އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00އިން ފަތިހު 4:00އާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އެންމެފަހުން ހިންގި ކާފިއުގައި ބޭނުންކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް އެއިދާރާއިން ވަކިގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި އޮފީސްތަކާއި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަރާތްތަކަށް Police.gov.mv/permit މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމް ފުލުހުންވަނީ ހަމަޖައްސަވާފައެވެ.

ފުލުހުން ވަނީ ކޯވިޑުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް އެއިދާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.