ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ.އަތޮޅުގައި ކަނޑައަޅާފައިވާ އެންމެ ޚާއްޞަ އެއް ތަނަކީ ހަނިފަރު ހިމެނޭ ސަރަހައްދެވެ. ނުވަތަ ހަނިފަރު ބޭއެވެ. މިޞަރަޙައްދު ޚާއްޞަވެގެން ދަނީ ގިނަ ޢަދަދަކަށް، މަންތާ އާއި ފެހުރިހި އާލާވާ ތަނަކަށްވާތީއެވެ. މިއީ ރާއްޖެއަށާ ވަކިން ހާއްސަކޮށް ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލުއެއް މަންޒިލެވެ.
މިތަނަށް އެންމަޑިއާ ފެހުރެހި އާންމުކޮށް އަރަނީ ކޮންމެ އަހަރެއްގެވެސް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއީ ހުޅަނގު މޫސުން ފެށުމުންނެވެ. އިރުވައި މޫސުމަށް މިމަޑިތައް ރާއްޖޭގެ އެހެން ކޮންމެވެސް ހިސާބަކަށް ޖަމާވެއެވެ. އެއީ އޮއެވަރަށް އަންނަ ބަދަލުންނާއި، ކެއުމަށް ބޭނުންކުރާ ޕްލެންކްޓަންސް ނުލިބޭތީކަމަށް މަންތާގެ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފަތުރުވެރިންނަށް ދެވޭގޮތަށް ހަނިފަރުބޭ ހުޅުވާލާއިފައިވާކަމަށް ބަޔޯސްފިއަރ ރިޒާވްއިން މައުލޫމާތުދެއެވެ.
މަންތާ ބަލާލުމަށްޓަކައި 2018 ވަނަ އަހަރު ވަނީ، 5000 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި 2019 ވަނަ އަހަރު 7000 ފަތުރުވެރިން ވަނީ މިތަނަށް ޒިޔާރަތްކޮށްފައެވެ. 2020 ވަނަ އަހަރު ކޯވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން މަންތާ މޫސުން ފެށުނުއިރު ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. އެހެން ކަމުން ފުރަތަމަ 2 މަސް ދުވަހު އެއްވެސް ފަތުރުވެރިއަކު އެތަނަށް ޒިޔަރަތްކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ބ.އަތޮޅަށް އައި ފަތުރުވެރިންގެ 90 އިންސައްތަ ފަތުރުވެރިން ވަނީ މިތަނަށް ޒިޔާރަތްކޮށް މަންތާތަކާއެކު ފީނާލާ ފޮޓޯ ނަގާ ހަދާފައެވެ. އެއަހަރު އެތަނަށް ތިންހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސާވުން ބުނެއެވެ. މީ މިދިޔަ ދެއަހަރ އަޅާބަލާއިރު ވަރަށް ބޮޑު ދައްވުމެއްކަމަށް ބަޔޯސްފިއަރ ރިސާވްއިން ވިދާޅުވެއެވެ.
މިތަން ޕްރޮމޯޓްކޮށް މިތަނަށް ފަތުރުވެރިން ގެނައުމަށް ބަޔޯސްފިއަރ ރިޒާވް އޮފީހާއި ބ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މިއަހަރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ބ.އަތޮޅުގައި މިހާރު 17 ރިސޯޓެއް ހިންގަމުންދާއިރު، މި ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން %78 ފަތުރުވެރިން މި ސަރަޙައްދަށް ޒިޔާރަތް ކުރާކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސާވްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ރ.އަތޮޅާއި ނ.އަތޮޅުގެ ރިސޯޓްތަކާއި ސަފާރީތަކުންވެސް މީހުން މިތަނަށް ޒިޔާރަތްކޮށް ހަދައެވެ. ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ މުހިންމު އެއް މަންޒިލަކަށް ހަނިފަރުބޭ ވެގެންގޮސްފައިވާއިރު، މި ސަރަހައްދަކީ މިއަދު ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލްކަމެއް ލިބިފައިވާ ތަނެކެވެ.
އެހެން އަހަރުތަކުގައި މަޑި ފެންނަން ފެށުމާއެކު ފަތުރުވެރިންނަށް މިތަން ހުޅުވާލައެވެ. އެހެންނަމަވެސް މިއަހަރު، އެގޮތަށް އަމަލު ނުކުރީ "ބ.އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިސާވްއަކަށް ވިތާ 10 އަހަރު ވަމުންދާތީ ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ އެންމެހާ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ހާއްސަ ސާވޭގެ މަސައްކަތްތަކެއް ކުރެވެމުންދިއުމާ ގުޅިގެން" ކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިސާވްއިން ބުނެއެވެ.