ޚަބަރު

ކޯވިޑް ބަލީގައި މަރުވި މީހެއްގެ ކަށުކަމާކެމީގެ ކަންކަމުގެ އުޅުނު މީހެއްގެ އާދޭސް


ކޯވިޑް-19 ކަށުނަމާދު ކުރީ މަދުބައެއް، ތިންމުއްވެލިން ސަލާންކޮށްލާނެ އާއިލާ މީހަކުނެތް. މި ބަލީގައި މަރުވި މީހެއްގެ ކަށުކަމާކެމީގެ ކަންކަމުގައި އިސްކޮށް ހަރަކާތެރިވި މީހެއްގެ ވާހަކައެވެ.

އެއްކަމެއްގެ ވާހަކަ ދެތިން ފަހަރު އަޑުއިވޭއިރަށް ގިނަ ބައަކު ފޫހިވި ނަމަވެސް ތަކުރާރުކޮށް ކޯވިޑް ބަލީގެ ވާހަކަ ދައްކަންޖެހެނީ މި ބަލީގެ ނުރައްކާ ބޮޑު ވީމައެވެ. ހަރުކަށި ފިޔަވަޅުތަކާ އެނޫންވެސް ކަންކަން ސިއްޙީ ދާއިރާތަކުން އަޅަމުން ގެންދަވަނީ މިބަލިން ދިވެހި އުންމަތް ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.

މިބަލީގައި މިހާތަނަށް 121 މީހަކުވަނީ މި ދުނިޔެއާ ވަކިވެގޮސްފައެވެ. މީ ކުޑަ އަދަދެއްނޫނެވެ. މިބަލީގައި އޭދަފުށިން ދާދިފަހުން މަރުވި މީހާގެ ކަށުކަމާކެމީގެ ކަންކަމުގައި އުޅުނު މީހުން މިކަމުގައި އޮންނަ ގޮތްފެނި އެވާހަކަ ދެއްކުމުން ލޮލުން ކަރުނަ ހިލުނެވެ. އެންމެންނަށް ބުނެވުނީ މީހާދަ ވޭންހުރިކަމެކޭ، މިކަމުން މުޅި މުޖުތަމައު ސަލާމަތް ވާންޖެހެއެވެ. މިހެންނެވެ.
"ކަށުމަކާކެމީގެ އެންމެހާ ކަންކަމާ، ކަށުނަމާދުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ އާއިލާއިން އެދޭ އެންމެ ބޮޑު އެދުމެވެ". މީ މީހަކު މަރުވުމުން އަޑު ހަރުކޮށް ރަށުތެރޭގައި އަޑުގަދަކުރާއިން އާންމުންނަށް އިވޭއެއްއަޑެވެ. އެހެންނަމަވެސް ކޯވިޑް 19ގައި މަރުވާ މީހެއްނަމަ އެކަން އެގޮތަކަށް ނުކުރެއެވެ.

ކޮންމެ މީހަކުވެސް މި ފަނާ ކުރުވަނިވި ދުނިޔެއާ އަލްވަދާއު ކިޔަނީ އެމީހެއްގެ އަޖަލު ހަމަވުމުންނެވެ. މަރަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެކަމެކެވެ. އަދި އެމީހާ މަރުވުމުން ކަށުކަމާކެމީގެ އެންމެހާ ކަންކަން ކުރުމަކީ ދިރިތިބީންގެ މައްޗައް ލާޒިމް ކޮށްފައިވާކަމެކެވެ. އަދި މައްޔިތާގެ މޫނު ބެލުމާ، ކަށުނަމާދުގައި ގިނަބަޔަކު ބައިވެރިވުމަކީ ދިވެހިން ޒަމާނުންސުރެ ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.


އެހެންނަމަވެސް ކޯވިޑް 19ގެ ބަލިމަޑުކަމުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ މީގެތެރެއިން އެތައްކަމެއް ބަންދުވެ އޮވެގެންނެވެ. އެއީ މިބަލީގެ ނުރައްކަލުން އާންމު ރައްޔިތުން ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.

ދާދިފަހުން އޭދަފުށިން މަރުވި މީހެއް ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާތީ އެމީހާގެ ކަށުކަމާކެމީގެ އެންމެހާ ކަންކަން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހެއްގެ އާދޭހަކީ މިބަލީގައި ހުރި ތަފާތުފެނިއްޖެއެވެ. އިސްލާމީ މި އުންމަތުން ދުވަހަކުވެސް ފެންނަން ބޭނުންނުވާ އެތައް ކަމެއް ފެނިގެން ހިނގައްޖެއެވެ. މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ކަށުކަމާކެމީގެ ކަންކަމުގައި އާއިލާ މީހުންނާ ރައްޓެހިންނާ ދުރު މީހުންވެސް ހަރަކާތްތެރިވެއުޅެއެވެ. އެއީ ކޮންމެ މީހަކަށްވެސް އެދުވަސް އަންނާނެކަން އެނގި އެދުވަހުން އެމީހާއަށް ހެޔޮ ދުޢާކޮށްދޭނެ ބައެއްގެ ބޭނުމުގަޔާ ދީނުގައި ދިރިތިބީންގެ މައްޗައް އެކަންކަން ލާޒިމް ކުރާތީއެވެ.

އޭދަފުށިން މަރުވި މީހާގެ ޖަނާޒާ ކަންކަމުގައި އިސްކޮށް އުޅުނު ބ.އޭދަފުށީ ބަހާރުގޭ އަލީވަޙީދު ބުނީ މީ ދުވަހަކުވެސް ފެންނާނެކަމަށް އުންމީދު ކުރި ދުވަހެއްނޫންކަމަށެވެ. މިބަލިން އަރައިގަތުމަށް އެންމެ އެކުގައި މަސައްކަތްކޮށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އަންގާ އެންގުތަކަށް ބޯލަބާ ކިޔަމަން ވުމަށެވެ. އެއީ ތިމާ މަރުވެދާ ހިނދު ދުޢާ ކޮށްދޭނެ ގިނަ ބަޔަކު ތިބާގެ ކަށުނަމާދުގައި ބައިވެރިވުމުގެ ހެޔޮ ނިޔަތުގައެވެ. އަދި ތިންމުއްވެލިން ސަލާންކުރާނެ ބައެއްގެ ޙައްޤުގައެވެ.

"ކަށުނަމާދުގައި ގިނަ ބަޔަކަށް ބައިވެރިއެއްނުވެވޭ، އެމައްޔިތާ އާ ތިންމުއްވެލިން ސަލާން ކުރުމަށް ވަޅުލާތަނަކަށް މީހުންނަކަށް ނުދެވޭ، މީ ކިހާ ބަދުނަސީބެއްތޯ، މީވަރަށް ހިތާމަހުރިކަމެއް، މިބަލިން އަރައިގަތުމަށް އެންމެ އެކީ މަސައްކަތްކުރަންޖެހޭ" ކަށުކަމާ ކެމީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ބ.އޭދަފުށީ ބަހާރުގޭ އަލީ ވަޙީދު އަސަރާ އެކީ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ކޯވިޑް ބަލީގައި މަރުވި މީހުންގެ މޫނުދެއްކުމާ ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެއެވެ. އެހެން ނަމަވެސް މިހާރު އާއިލާ މީހުންނަށް މޫނުދެއްކުމާ، ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތުދޭކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ކޯވިޑް ބަލީގައި މަރުވުމުން މައްޔިތާ ގައިގައި އެންމެ ފަހު ވަގުތު އަތްޖައްސާލުމުގެ ފުރުސަތުވެސް ގެއްލެއެވެ. މޫނު ބަލާލެވެނީ ތިން ފޫޓް ދުރުންނެވެ. މައްޔިތާގެ ސަންދޯކުގައި އަތްޖައްސާލުމުގެ ފުރުސަތެއްވެސް ނުލިބޭތާ، ތިއްމުއްވެލިން އެންމެ ފަހުގެ ސަލާން ކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި އާއިލާ މީހުންނަށެވެ. މިބަލިން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް އަބަދުވެސް ސަރުކާރުން އަންނަނީ އެދެމުންނެވެ. އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ނުލިބިއްޖެނަމަ މިކަން ތިބޭފުޅާއަށްވެސް ތަޖުރިބާ ކުރަންޖެހިދާނެއެވެ.