ކޯވިޑް-19

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 200އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 200އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 136 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 66 މީހަކާއި، މަނާވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 11 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވަނީ މިމަހުގެ 5ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަޅެއްގެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12އިން ފަތިހު 4އަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 6ވަނަ ދުވަހު ވަނީ ކާފިޢު އިޢުލާންކޮށް، ރޭގަނޑު 09:00އިން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފައެވެ.

އެހެންނަމަވެސް މާލޭ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވުމާގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ވަނީ އިތުރުކޮށްފައެވެ. އެގޮތުން 12 މެއި އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހަވީރު 04:00އިން ފަތިހު 4:00އާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މާސްކް ނާޅައުޅުމާއި، ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުންކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި އޮފީސްތަކާއި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަރާތްތަކަށް Police.gov.mv/permit މެދުވެރިކޮށް ހުއްދައަށް އެދެވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވަނީ ކޯވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް އެ އިދާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.

ކޯވިޑް ފެތުރުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އެކި ފަހަރުމަތިން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ. މިގޮތުން އެންމެ ފަހުން ކާފިއު ހިންގާފައިވަނީ މިދިޔަ ފެބްރުއަރީމަހުގައެވެ. ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުން މާލެ ސަރަޙައްދު ހަލަބޮލިވިއެވެ. އެއާއެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައިސް ދުވާލަކު ޕޮޒިޓވްވާ މީހުންގެ އަދަދުވަނީ 1000 ހުރަސްކޮށްފައެވެ. އަދި މިބަލީގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރިފައިވާކަމުގެ އިންޒާރު ސިއްޙީ މާހިރުން މިވަނީ ދީފައެވެ. އަދި މިބަލީގައި މިވަގުތުވެސް ސީރިއަސް ހާލަތުގައި ފަރުވާދެމުން އަންނަ ބަލި މީހުންވެސް އެެބަތިއްބެވެ.