ސިޔާސީ

ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހަދަން ރައީސް އެންގެވުން


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަމާގުޅޭ ދިރާސާއެއް ހެދުމަށް މިހާރުވެސް ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަކަމުން ދިޔަގޮތާއި، އެކަމުގެ ތަފްޞީލީ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފުން އެމަނިކުފާނާއި ހިއްސާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ޙަމަލާއާއި ގުޅިގެން ފުލުހުންނާއި، ސިފައިންގެ އިންޓެލިޖެންސާބެހޭ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" އަޅުގަނޑު ރޭގައި ނެޝެނަލް ސެކިއުރިރޓީ ކައުންސިލާއެކީ ބައްދަލުކޮށްފައި ނިންމައިފިން އެމްއެންޑީއެފާއި ޕޮލިސްގެ އިންޓަލިޖެންސްގެ އޮޑިޓެއް ހެދުމަށްޓަކާ. އޭގައި ރަނގަޅުކުރަން ހުރީ ކޮން ކަންތައްތަކެއްތޯއާއި، އަދި މިވަރު ކަމެއް ވެގެންދިޔައިރު އިންޓެލިޖެންސާއި ހިސާބަށް މިކަން ތިލަވެގެން ނައި ސަބަބާއި، ނޭންގުނީ ކީއްވެގެންތޯއާއި މި ހުރިހާ އެއްޗެއް ބަލާފައި ، އަޅުގަނޑަށް ޤަބޫލުކުރެވުނީ އިންޓެލިޖެންސް މިއަށްވުރެ ވަރުގަދަކުރަންޖެހޭކަމާއި، ސެކިއުރިޓީވެސް މިއަށްވުރެ ރަނގަޅަށް އެބަ އޮންނަންޖެހޭކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ. ރައީސް ނަޝީދަކީ އެމް.ޑީ.ޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، މިފަދަ ނުރައްކާތެރި ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޚާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިތްވަރު ކުރައްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ކުރިމަތިވި މި ކަންތައްތަކުގައި، ދެން މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް. މިއަދުވެސް ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑަށް އަޅުގަނޑަށް އެކަން ޔަޤީންވެގެންދިޔަ. އަޅުގަނޑުމެން ހަމަގައިމުވެސް މިތިބީ މި ދިމަވާ ކަންތައްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކާ ކުރެވެން އޮތް ހުރިހާކަމެއް ކުރަން. ހަމަ ޤައިމުވެސް މީގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީވެސް އެމްޑީޕީއާއި އެމްޑީޕީގެ ސަޕޯޓަރުން" ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން އެމަނިކުފާނަށް ހަމަލާދިން މައްސަލާގައި ޝައްކުކުރެވޭ 4 މީހުން ތިބިކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރެއިން 3 މީހުން މިހާރު މިވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.