ކުޅިވަރު

ފުޓްބޯޅަ އާއި ކްރިކެޓް މުބާރާތް މެދުކަނޑާލައިފި



ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި ރަމަޟާން ކްރިކެޓް ކާނިވަލްގެ މެޗްތައް މެދުކަނޑާލައިފިއެވެ.
މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޗްޕީއޭއިންވަނީ މާލެ ސަރަހަދުގައި ހުރި ދަނޑުތަކާއި ޕާކްތަކާއި މައިޒާންތައްވެސް ބަންދު ކުރުމަށް އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތައްވެސް ކުރިއަށް މިއޮތް 10 ދުވަހަށް ހުއްޓާލަން ވަނީ އަންގާފައެވެ.

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ފެބްރުއަރީ މަހުގައި މުބާރާތް ފަށަން ތާވަލްކުރިނަމަވެސް މާލޭގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މުބާރާތް ފަސްކުރިއެވެ. މިމުބާރާތުގައި 14 ޓީމްވަނީ ބައިވެރިވެފައެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް މެދުކަނޑާލާފައިވާއިރު، ރަމަޟާން ކްރިކެޓް ކާނިވަލްގެ ދަށުން ކުރިއަށްގެންދާ އޯޕަން އަދި އޮފީސްތަކުގެބައި މިހާރުވަނީ ނިމިފައެވެ. ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތުގައި މިހާތަނަށްވަނީ 12 މެޗް ކުޅެފައެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނީ އެކުވެނި ކްރިކެޓް ދަނޑު ބަންދުކުރުމާއި ގުޅިގެން މެޗްތައް ހުއްޓާލަންޖެހޭތީ، ހާއްސަ ހުއްދައެއްގެ ދަށުން ކްރިކެޓް މެޗްތައް ކުޅެން އެޗްޕީއޭގައި އެދުނުކަމަށާއި ނަމަވެސް މިވަގުތު މާލޭގެ ހާލަތަށް ބަލާފައި އެ ހުއްދަ ދެވެންނެތްކަމަށް އެފްޕީއޭއިން އަންގާފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަޢުލުމާތުދީފައިވެއެވެ. މިމުބާރާރުގެ އޯޕަންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ސަންކުއިކް ލިލީއެވެ. ސަންކުއިކް ލިލީ ޗެންޕިއަންކަން ހޯދާފައިވަނީ ޝުގަރކޯންއާއި ވާދަކޮށް 29 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. އޮފީސް ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަސްޓަމްސްއެވެ. ކަސްޓަމްސް ޗެންޕިއަންކަން ހޯދާފައިވަނީ ޔޫތް މިނިސްޓްރީއާއި ވާދަކޮށް10 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.