ކޯވިޑް-19

ކޯވިޑް-19 : ފިޔަވަޅުތައް ވަރުގަދަކޮށް ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން ނިންމައިފި


ގްރޭޓަރ މާލޭ ސަރަޙައްދުގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމައިފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އަޅާ މިފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

ކޯވިޑް-19ގެ ޢަދަދުތައް ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، މާލެއާއި އަތޮޅުތެރޭގައިވެސް މިދުވަސްވަރު ކޯވިޑް-19 ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ. ވަކިން ޚާއްސަކޮށް ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދުތައް 300 އިން މަތީގައި ހުރުމަށްފަހު މިއަދު ރާއްޖޭގައި ވަނީ ރިކޯޑް ޢަދަދަކަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން 585 އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖުމްލަ ޢަދަދު މިހާރު މިވަނީ 30،000 އަށްވުރެ މައްޗަށް އަރާފައެވެ.

މި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކާ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މާލޭ ސަރަޙައްދުގައި މިމަހުގެ 5 އިން 15 އަށް 10 ދުވަހުގެ މުއްދަތަކަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12 އިން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވަނީ ބަލި ފެތުރުން ވީހާވެސް ކޮންޓްރޯލްކުރުމަށްކަމަށެވެ. އަދި 10 ދުވަހުގެ މުއްދަތަކަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު ނިކުންނަ ނަތީޖާއަށް ބަލާ، އިތުރު ފިޔަވަޅުތައް އަޅަންޖެހިއްޖެނަމަ އެކަންވެސް ސަރުކާރުން ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި 10 ދުވަހުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވާ މިންވަރުބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރިވައިޒްކުރަމުންދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ ބަލި ފެތުރުން ވީހާވެސް އަވަހަށް ކޮންޓްރޯލްކުރުން. އަދި އާއްމު ޙާލަތަކަށް ވީހާވެސް އަވަހަށް ގެނައުން" މަބްރޫކް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާކުރުމުގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މި މުއްދަތުގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޚާއްސަ ހުއްދައިގެ ދަށުން ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތައް ފިޔަވާ، ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް މަނާވާނެއެވެ.

މިހާރެކޭވެސް އެއްގޮތަށް ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ މަސައްކަތްތައްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެއެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި، ވޯކް ޕަރމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ޕީ.ސީ.އާރް ނެގެޓިވް ޓެސްޓެއް ހަދަންޖެހޭނެގޮތަށްވެސް ކަނޑައަޅާފައިވެއެވެ.