ތަރައްްޤީ

ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް


ށ. ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ފީވަށް ބަނދަރު ތަރައްޤީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ. އަދި މުޅި މަޝްރޫޢުގެ ގާތްގަނޑަށް 80 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް 67.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ށ. ފީވަކުގެ އިތުރުން ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢަކީވެސް އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިލަދޫ ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިލަދޫ ބަނދަރުގައި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްކުރުން ހިމެނެއެވެ. އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިލަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ދަޢުލަތުން 42.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.