ޚަބަރު

އަތޮޅުތެރޭގައި 1200 އެކްޓިވް ކޭސް، ދަތުރުކުރުމުގައި ސަމާލުވޭ!


ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 1200 އެކްޓިވް ކޭސް އަތޮޅުތެރޭގައި މިވަގުތުވެސް އެބައޮތްކަމަށް އަތޮޅުތެރޭގެ ކޯވިޑް ޙާލަތު ބަލަމުން އަންނަ ޓީމުގެ ހެޑް ޢަބްދުﷲ މަޢުރޫފް ވިދާޅުވެއްޖެއެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް މިދުވަސްވަރު ދޭންޖެހޭކަމަށް މަޢުރޫފް ވިދާޅުވިއެވެ.

ކޯވިޑްގެ ކޭސްތައް އަތޮޅު ތެރެއިން ފެންނަ ނިސްބަތް އިތުރުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. މިރަށްރަށުން މިހާތަނަށް 1200 އެކްޓިވް ކޭސްފެނިފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަތޮޅުތެރޭގައި ކޯވިޑްގެ ޙާލަތު ބަލަމުން އަންނަ ޓީމުގެ ހެޑް ޢަބްދުﷲ މަޢުރޫފް ވިދާޅުވީ 100އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ 6 ރަށެއް އެބައޮތްކަމަށެވެ. އެގޮތުން ބ.އޭދަފުށީގައި 121 އެކްޓިވްކޭސް، ޅ.ނައިފަރުގައި 130 ކޭސް، ކ.މާފުށީގައި 209 ކޭސް، އއ.މަތިވެރީގައި 171 ކޭސް، ތ. ވޭމަންޑޫ ގައި 145 ކޭސް އަދި ލ.މާންދޫގައި 126 އެކްޓިވް ކޭސް މިވަގުތު ފެނިފައިވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.

މިރަށްރަށުގެ ޙާލަތު ގޯސްވަމުން އަންނަކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މަޢުރޫފްވަނީ މޮނީޓަރިންއަށް ލާފައިވާ ރަށްރަށުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްރަށް ހުރިކަން ފާހަގަކުރައްވާފައެވެ. އޭގެސަބަބުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ބޮޑު ދަތިތަކެއް ކުރިމަތިވެވައިފާއިރު މިޙާލަތުން އަރައިގަތުމަށް ޢާއްމުންގެ އެއްބާރުލުން ބޭނުންވާކަމަށް މަޢުރޫފް ވިދާޅުވިއެވެ.

މަޢުރޫފް ވިދާޅުވީ ސިއްޙީ ޚިދުމަތް ހޯދުމަށް ރަށްރަށަށް ދަތުރުކުރާއިރުވެސް ހޮސްޕިޓަލުން ނިމިގެން އިތުރު ތަންތަނަށް ދިޔުން ހުއްޓާލަންޖެހޭކަމަށެވެ. އަދި ކޮންޓެކްޓް ބަބްލް ކުޑަކުރުމާއި މާސްކު އަބަދުވެސް ބޭނުންކުރުމަށް ސަމާލުވުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ހަމައެއާއެކު މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަ ރަށްރަށުގައި ސައްޙަ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް މަޢުރޫފްވަނީ އެދިވަޑައިގެންފައެވެ.

އާބާދީގެ 60 އިންސައްތައަށް ވެކްސިން ޖެހުމުން ރަށްރަށަށް ދަތުރުކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން މަޢުރޫފް ވިދާޅުވީ އެހާހިސާބުން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖަހާފައިވާ މީހުންނަށް ރަށްރަށަށް ދިޔުމަށް އޮޓޯއިން ހުއްދަ ދޫކުރެވޭނެކަމަށެވެ. އެގޮތަށް ހުއްދަ ދިނުމުގައި ބަލާނީ ވެކްސިންގެ ދެޑޯޒް ހަމަކޮށް 2 ހަފްތާވެފައިވުމާއި ބަލިމީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ނުހިމެނުމާއި 72 ގަޑިއިރުނުވާ ޕީސީއާރްގެ ނެގަޓިވް ނަތީޖާއެއް އޮތް ފަރާތްތަކަށްކަމަށެވެ.