ރިކޯޑު ޢަދަދެއްގެ މީހުން އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރާއްޖޭގައި ކޯވިޑް-19އަށް 319 މީހުންވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 319 ކޭސްއާއެކު ވޭތުވެދިޔަ 24 ގަޑިއިރު ފާހަގަކުރެވެނީ މިމަހުގެ މިހާތަނަށް އައިއިރު ކޭސްތައް ޕޮޒިޓިވްވީ ނިސްބަތް 300 އަށްއެރި ދެވަނަ ދުވަހުގެ ގޮތުގައެވެ. އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ 319 މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވީ 108 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވީ 182 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވީ 21 މީހުންނާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވީ 8 މީހުންނެވެ. މިއާއެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 27،403އަށް އަރައެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 51 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،116 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދާ މީހުންގެ ޢަދަދުވަނީ 3207 އަރައެވެ. އަދި 98 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،094 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.