އޭދަފުއްޓަކީ ބ.އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ވިޔަފާރި ކުރުމަށާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކުވެސް އަތޮޅުގެ އެހެން ރަށްރަށުން އެތައްބަޔަކު އެރަށަށް ދަތުރުކުރެއެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން މިހާރުއޮތް ޙާލަތަށް ބަލާނަމަ އެރަށަށް ދަތުރުކުރުމަށްފަހު އަނބުރާ ރަށަށްދާނަމަ ކަރަންޓީން ވާނެޖެހެއެވެ.
ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް އޭދަފުށިން ފެނުމާ ގުޅިގެން އެރަށް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. ބަލީގެ ޙާލަތު މިހާރު އޮތްގޮތުން މިމުއްދަތު ދިގުލައިގެން ދިއުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ރަށުގެ ޢާއްމު ޙާލަތު ރަނގަޅެވެ. ދަތުރުފަތުރު ކުރުމުގައި ދަތިކަމެއް ކުރިމަތިވެފައިވިޔަސް އޭދަފުށީގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްތި ދަތިނުވެލިބޭނެކަމަށް އެރަށު ކައުންސިލްގެ ރައީސް ޠަލާލް ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ މި ރޯދަމަހު އޭދަފުށީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ މުދާ ދަތިނުވެ ރަށުން ލިބޭނެކަމަށެވެ. އަދި ޚާއްސަކޮށް ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމަށް އެސްޓީއޯއާ ޙަވާލާދީ އޭނާ ވިދާޅުވިއެވެ.
"މިރަށުން އިތުރަށް މިބަލި ފެނުމުގެ ފުރުސަތު އެބައޮތް އެހެން ވީމާ އެންމެ ފުރަތަމަވެސް ކައުންސިލުން ވިސްނީ ރޯދަމަހު ރައްޔިތުން ބޭނުންވާ މުދާ ރަށުން ލިބޭނެކަން ޔަޤީންކުރަން. މިރަށު ވިޔަފާރިވެރިންނާ މާލެ ދަތުރު ކުރާ ބޯޓްފަހަރުތައް ދަތުރު ކުރުމުގެ ހުއްދަ ކައުސިލުން ވަނީ ދީފަ އެހެން ކަމުން އަސާސީ މުދާ އޭދަފުއްޓެކޭ އެއްވަރަށް އަތޮޅުގެ އެހެން ރައްތަކަށްވެސް ފޯރުކޮށްދެވޭނެ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭދަފުއްޓަކީ، ބާޒާރުކުރުމަށް އެހެން ރަށްރަށުގެ ވިޔަފާރި ވެރިންނާއި ޢާންމު ރައްޔިތުން ވަރަށްބޮޑަށް ބަރޯސާވަ ރަށަކަށްވާއިރު، އޭދަފުށި މޮނީޓަރިންއަށްލައި އެރަށް އަރައިފޭބުން މަނާކުރުމުން އެހެން ރަށްރަށުގެ މީހުންނަށްވެސް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. މިކަމަށް ޙައްލެއް ނެގައުމަށްޓަކައި އަތޮޅު ފެރީގެ ޚިދުމަތް މެދުކަނޑާނުލައި މުދާ އުފުލުމަށް ދަތުރުކުރަމުން ދެއެވެ. އެއީ ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު އުފުލުމަށެވެ.
ފެރީއަށް މުދާ އަރުވަންދާ އޭދަފުށީ މީހުން ފެރީއަށް އެރުމަކީ މަނާކަމެކެވެ. މުދާގެންގޮސް ފެރީ ކައިރީ އެއްގަމުގައި ބެހެއްޓުމުން ފެރީގައި މަސައްކަތް ކުރާ މުވައްޒަފުން އެމުދާ އަރުވަދިނުމަށް އަންގާފައިވާކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވިއެވެ.
"ފެރީއަށް ނުވަތަ އެނޫންވެސް އުޅަނދަކަށް މުދާ ގެންގޮސް ދިނުމުގެ އިންތިޒާމު އޭދަފުށީ ފިހާރަތަކުން ވަނީ ހަމަޖައްސާފައި. އެހެން ކަމުން ފެރީގެ މުވައްޒަފުންނާ ކޮންޓެކްޓް ނުވުން އެއީ އެންމެބޮޑު ބޭނުން. މިބަލި އެހެން ރަށަކަށް ފެތުރުނަނުދިއުން އެއީ އެންމެ މުހިންމު އެއްކަންތައް. މިރަށް މިވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފާނެކަމަށް ބެލެވިފައި." އޭދަފުށީ ކައުންސިލުން ވިދާޅުވިއެވެ.
އޭދަފުށިން ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ނެގި 19 ސާމްޕަލްގެތެރެއިން 7 ސާމްޕަލެއްވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން އެރަށުން ޕޮޒިޓިވްވީ އަތޮޅު ހޮސްޕީޓަލުގައި މަސަކަތް ކުރާ ޑޮކްޓަރެކެވެ. އެ ޑޮކްޓަރ ޕޮޒިޓިވްވުމާ ގުޅިގެން އެހޮސްޕިޓަލުގައި މަސައްކަތްކުރާ އިތުރު 4 ޑޮކްޓަރެއްގެ ސާމްޕަލްވަނީ ނަގައި ޓެސްޓް ހަދާފައެވެ. މިހަތަރު ޑޮކްޓަރުގެ ސާމްޕަލް ނެގެޓިވް ވެފައިވާއިރު މިހާރު ބަލި ފެނިގެން 3 ގެއެއްވަނީ ކަރަންޓީންކޮށްފައެވެ.
އޭދަފުށިން ޕޮޒިޓިވްވި 7 މީހުންނާ ކޮންޓެކްޓްވި 65 މީހެއްގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ. ބ.އަތޮޅު ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޯންސްޓީމުން ވަނީ ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތު ރެންޑަމްކޮށް 331 ސާމްޕަލްއެއް ނަގާފައިވާކަމަށެވެ. މިހުރިހާ ސާމްޕަލެއް ޓެސްޓް ކުރުމަށް މާފަރަށާއި ދަރަވަންދުއަށް ފޮނުވާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަތީޖާ ލިބެދެން ގޭގައި މަޑުކުރުމަށް ހޮސްޕިޓަލުން އަންގާފައިވީނަމަވެސް ބައެއް މީހުން ބޭރުގައި އުޅޭކަމުގެ ޝަކުވާ ކައުންސިލާއި ހޮސްޕިޓަލަށް ލިބެމުންދާކަމަށް އެ ދެމުއައްސަސާއިން ވިދާޅުވެއެވެ.
މިބަލިން ރަށާއިން މުޅި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ރަށު ކައުންސިލާއި ހޮސްޕިޓަލުން ދޭ ލަފައާއި އިރުސާދުތަކަށް ބޯލެނބުމަކީ ލާޒިމްކަމެކެވެ.