ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ރާއްޖެއިން ފަންސާސް ހާހަށްވުރެ ގިނަމީހުން ފުރިހަމަކޮށްފިއެވެ. އަދި މިހާތަނަށް ދެލައްކަ އަޑިހަ ހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 5،533 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަޙައްދުގައި 3،366 މީހުން ވެކްސިންޖަހާފައިވާއިރު 2،167 މީހުންވަނީ އަތޮޅުތެރެއިން ވެކްސިންޖަހާފައެވެ.
މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 51،350އަށް އަރާފައެވެ. ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 2،125 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަޙައްދުން ވެކްސިންޖެހީ 277 މީހުންނެވެ. އަދި އަތޮޅުތެރެއިން 1،848 މީހުންވަނީ ވެކްސިންޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމ ޑޯޒް ޖެހިމީހުންގެ ޢަދަދު 283،973 އަށްވަނީ އަރާފައެވެ.
މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުން ވެކްސިން ޖެހުމުގެ އިންތިޒާމު ކޮންމެ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45 އަކާ ދެމެދު ކުރިއަށްދެއެވެ.
ކިޔުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރުވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.