ޚަބަރު

ބ.މާޅޮހުން ކޯވިޑަށް ޕޮޒިޓިވްވި ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކު މިބައްޔަށް ޕޮޒިޓިވްވެއްޖެ


ބ.އަތޮޅު މާޅޮހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކު މިބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. މިމީހާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަތީޖާއިންނެވެ.

ބ.މާޅޮހަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ދެ ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު އެރަށުން ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ ހަތް މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ. މިމީހާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ނެގެޓިވް ކަމަށް މައުލޫމާތުލިބެއެވެ. މި މީހުންގެ ޓެސްޓްތައް ހަދާފައިވަނީ ބ.އަތޮޅު ހޮސްޕިޓަލުންނެވެ. މި ހަތް މީހުންގެ އިތުރުންވެސް އިތުރު ދެމީހެއްގެ ސާމްޕަލް މިރޭ ނަގާފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. މިދެމީހުންގެ ނަތީޖާ މާދަމާ ލިބޭނެކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މާޅޮހުން މިރޭ ޕޮޒިޓިވްވީ ދިވެހި ފިރިހެނެއްކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މައުލޫމާތުލިބެއެވެ.

މިއީ މިހާތަނަށް ކޯވިޑް 19 ފަތުރުވެރިއެއްގައިން ފެނި ބ.އަތޮޅުގެ ރަށަކުން މީހަކު ޕޮޒިޓިވްވި ފުރަތަމަފަހަރެވެ. މިދިޔަ މަހު އެއަތޮޅު ފުޅަދޫއަށް ދިޔަ ދެފަތުރުވެރިއަކުވެސްވަނީ ކޯވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެރަށުން އެއްވެސްމީހަކު މިބައްޔައް ޕޮޒިޓިވްވެފައިނުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލުކުރުމަށް ބ.އަތޮޅު ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ.