ޚަބަރު

މާޅޮހަށް އަރާފޭބުން މަނާކޮށްފި


ބ.މާޅޮހުން ކޯވިޑްއަށް ޕޮޒިޓިވް 2 މީހަކު ފެނުމާއި ގުޅިގެން އެރަށަށް އަރާފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މަނާކޮށްފިއެވެ.

މާޅޮހަށް އަރާ ފޭބުން މަނާކުރީ އެރަށަށް އައިސްއުޅުނު ދެ ފަތުރުވެރިން ޗުއްޓީ ނިންމާލުމަށްފަހު ފުރަން ދިއުމުގެ 72 ގަޑިއިރު ކުރިން ހަދާ ސާމްޕަލް ޓެސްޓުގެ ނަތީޖާ ކޯވިޑްއަށް ޕޮޒިޓިވްވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އެރަށުގައި އުޅޭތާ މިހާރު ހަފްތާއެއްވަނީ ވެފައެވެ. މިއީ ޗުއްޓީ ހޭދަކުރުމަށް ބ. އަތޮޅަށް އައި ފަތުރުވެރިޔަކު ޕޮޒިޓިވްވި 2 ވަނަ ފަހަރެވެ. މީގެކުރިން ފުޅަދޫއިން ފަތުރުވެރިޔަކު ޕޮޒިޓިވްވީނަމަވެސް، އެރަށުން އިތުރު މީހެއްގެ ގައިން ބަލި ފެނިފައެއްނުވެއެވެ.

މާޅޮހުން ޕޮޒިޓިވްވި ދެމީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޯވިޑް19އަށް ފަރުވާ ދިނުމަށް ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ފެސިލީޓީގައި މިހާރުވެސް 3 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މިއީ ޅ.އަތޮޅާއި ރ އަތޮޅުން ފަރުވާއަށް ގެނައި 3 މީހުންނެވެ. މިދިޔަމަހު ޅ.އަތޮޅުގައި އުފެދުނު ކްލަސްޓަރއާ ގުޅިގެން 17 މީހަކަށް އެ ފެސިލިޓީން ވަނީ ފަރުވާދީފައެވެ.