ޚަބަރު

ހިތްދަތި އަހަރަކަށްފަހު، ފުރަތަމަ ރޭވެސް މިސްކިތްތައް ފުރާލި


މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނޫރުން މި ދިވެހިރާއްޖެއަށް އަލިކަން ލިބިގެންދިޔައީ ހިޖުރައިން 548ވަނަ އަހަރުގެ ރަބިޢުލްއާޚިރު މަހުގައެވެ. ތާރިޚުން އެނގެން އޮތް ގޮތުން ހަމަ އެއަހަރުގެ ރަމަޟާން މަހުން ފެށިގެން ރޯދައިގެ މަތިވެރި އަޅުކަން ދިވެހިން އަދާކުރަން ފެށިއެވެ. އެއާއުކު މިއަދު މިފެށުނީ ރާއްޖެ އިސްލާމްވި ފަހުން ދިވެހިން ބައްދަލުކުރާ 895ވަނަ ރަމަޟާން މަހާއެވެ.

ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއި އެކު ދީނީގޮތުން ހޭލުންތެރިވެ ދީނީ އަޅުކަމުގައި ބައިވެރިވާ ޒުވާނުން އަހަރަކަށްވުރެ އަހަރެއް ގިނަވަމުން އަންނަކަން އެނގެއެވެ. މީގެ އަލިގަދަ ހެއްކަކީ ތަރާވީޙް ދަމު ނަމާދުތަކުގެ ޖަމާއަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އައުމެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ސީނުކަރައިން އުފަންވިކަމަށް ބުނާ ނުރައްކާތެރި ބަލިމަޑުކަމަށް ބޮޑު ވަބާއަކަށްވެ މުޅި ދުނިޔެ ބަންދުވިއެވެ. ބަލީގެ ނުރައްކާ ބޮޑުވެ ދޭނެ ފަރުވާއެއް ނެތި ފެތުރެމުންދިޔަ ކުޑަކުޑަ ލޮލަށް ނުފެންނަ ވައިރަހުގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެ ގޭތެރެގައި އެންމެން ތާށިވިއެވެ.

މިިދޔަ އަހަރުގެ ރޯދަމަސްްވެ އަޅުގަނޑުމެންނާއި ކުރިމަތިލީ މި ހާސްކަމުގެ ތެރޭގައި ވާނުވާ ނޭނގި ތިއްބައެވެ. ޒަމާނުންސުރެއް އެމަހަކަށް އެންމެހާއި މުސްލިމުން އެންމެ އަހައްމިއްޔަތުކަމެއް ދެމުން އަންނަ ރޯދަމަސްވެސް ނިންމާލީ ގޭގައިތިބެއެވެ. ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން ހުއްޓަލާ މިސްކިތްތައް ބަންދުކޮށް ފަޅަށް ދޫކޮށްލަންޖެހުނެވެ. ކިތަންމެ ބިޒީ ޝެޑިއުލެއްގައި އުޅެމުންނަމަވެސް ދޫކޮށްނުލި ތަރާވީޙް ޖަމާއަތްތަކާއި ދަމު ނަމާދުތަކުގައި ގަޑިތަކުގައިވެސް މިސްކިތް ހުރީ ހުހަށެވެ.

ކޯވިޑް-19ގެ ވަބާގެ ތެރޭގައި އިސްލާމީ އުންމަތް ދެވަނަ ރަމަޟާންމަހަކާއި މިވަނީ ކުރިމަތިލާފައެވެ. އެހްނެންމަވެސް މި ބަލީގެ ނުރައްކާ އަދިވެސް ކުޑައެއް ނޫނެނެވެ. އެ ލިސްޓުގައި ބޮޑެތި ޤައުމަތަކާއި އެކު ރާއްޖެވެސް އަދިވެސް ހިމެނެއެވެ. ބައެއް ޤައުމުތައް އޮތީ ކޯވިޑްގެ 3 ވަނަ ރާޅުގެ ތެރޭގައެވެ. އަނެއްބައި ޤައުމުތަކަށް 4ވަނަ ރާޅުވަނީ ބިންދާލާފައެވެ.

ކޮންމެއަކަސް މިދިޔަ ރޯދަމަހު ދިމާވި ހިތްދަތުދިވަސްތަކަށްފަހު ރޯދަދަމަހުގެ ފުރަތަމަ ދުވަހާއި މިވަނީ ބައްދަލުވެފައެވެ. ރަމަޟާން މަސް ފެށުމުގެ ގޮތުން ރޭ މިސްކިތްތަކުގައި ތަރާވީޙްގެ ޖަމާއައްތަކަށް ގޮވާލުމުން ފެނުނީ ހުރިހާ މިސްކިތެއް ހެން ފުރުނު ތަނެވެ. އެތައް ބަޔަކު ދިޔައީ ނަމާދުގެ ޖަމާއަތުގައި ބައިވެރިވަމުންނެވެ.

އެހެކަމުން ދިނީ އިލްމުވެރިންވެސް ފާހަގަކުރައްވާ ގޮތުގައި މިބަލިމަޑުކަމުން ލިބިދޭ އެންމެ އަގުހުރި ފިލާވަޅަކީ ވަޤުތުގެ މުހިއްމުކަމެވެ. ވަގުތުގެ މުހިއްމުކަން އެނގެނީ ކޯވިޑް-19ގައި ފާއިތުވި ދެ އަހަރު ނުވަތަ ނިމިގެންދިޔަ އަހަރުވެސް އަޅުގަނދުމެންނެކޭ އެއްފަދައިން ރަމަޟާންމަހުގެ އަޅުގަމުގައި އުޅުނު އެތައް އަޚުނެއް އަދި އުޚުތުންތަކެއް މިއަދު އަޅުގަނޑުމެންނާއި ވަކިވެފައިވުމެވެ.

ކޮންމެއަކަސް ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ހާލަތައް ބަލައި ކަމާގުޅުންހުރި އިދާރާތަކުން ވަނީ މި ރަމަޟާން މަހު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ދީނީ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ، މީ ދިވެހިންގެ ހިތްތަކަށް ލިބިގެންދިޔަ ފިނިކަމެކެވެ. މިއަހަރު ފަރުޟު 5 ނަމާދު މިސްކިތްތަކުގައި ޖަމާޢަތުގައި ކުރުމާއި، ތަރާވީޙް ނަމާދާއި، ދަމުނަމާދުގެ ޖަމާއައްތައްވެސް އޮންނާނެއެވެ.

މިއީ ފާއިތުވި ރަމަޟާންމަހު އަލުގަނޑުމެން ގެތަކުގައި ތިބެގެން ހޭދަކުރި ހިތްދަތި ދުވަސްތަކުން އިބްރަތް ލިބިގަނެ ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހެޔޮތުގައި ހިފަންވީ ވަގުތެވެ.

މިއާއެކުވެސް ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މާތްވެގެންވާ އިސްލާމް ދީނުގައި ބުނާ ސަބަބުތަކުގައި ހިފަންވާނެއެވެ. ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން ބަލީގެ ނުރައްކަލައް ހުށައެޅޭ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.

ރަމަޟާން މަހަކީ، މައްސަރުތަކުގެ ތެރެއިން ﷲ މަތިވެރި ކުރައްވާފައިވާ، ހެޔޮކަމުގެ މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ނަޞްރާއި ފަތަޙައިގެ މައްސަރެވެ. ބަރަކާތްތެރިވެގެންވާ ދުވަސްތަކާއި ރޭތަކެއް މިމަހުގައިވެއެވެ. މިމަހުގައި ކުރެވޭ އެންމެހައި ހެޔޮ ކަންކަމެއްގެ ސަވާބާއި ދަރުމަވަނީ އިތުރު ކުރައްވާފައެވެ. އެ މައްސަރު މާތް ކުރެއްވުމުގެ އެންމެ މަތިވެރި އެއް ސަބަބަކީ އެމަހުގައި ޤުރުއާން ބާވާލެއްވުމެވެ. އެހެންކަމުން މިމާތް މަތިވެރި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ ނުހަނު މުހިއްމުކަމެެކެވެ.

އިސްރާފުކުރުން މަދުކޮށް، އެހެންމީހުންނަށް ހެޔޮފޯރުކޮށްދީ، އެއްބަޔަކު އަނެއްބަޔަކައި އަޅާލައި އޯގާތެރިވެ މިމަތިވެރި މަސްއަރުގެ ހެޔޮދަރުމައާއި ސަވާބުލިބިގަތުންމަށް އަވަސްވެގަންނަވީއެވެ.