ޚަބަރު

ޤައުމީ ފެރީ ނިޒާމުގެ ފެރީތައް ބަނުމަށް ގަލްފު ކްރާފްޓަށް


"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ފެރީތަށް ބަނުމުގެ މަސައްކަތް ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

"އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"އަކީ ޒަމާނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެވެ. މި މަޝްރޫއަށް ބޭނުންވާ އުޅަނދުތަކުގެ މަސައްކަތާ، އަދި ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

މިއީ ޕަބްލިކް ފެރީ ނިޒާމަކަށް ޚާއްސަކޮށްގެން ފަރުމާކުރާ ފުރަތަމަ ފެރީތަކެވެ. ފެރީތައް ފަރުމާކޮށް ބަނުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ޔޫއޭއީގެ ކުންފުނި ގަލްފް ކްރާފްޓާ ހަވާލުކޮށްފައެވެ. މި މަސައްކަތް ގަލްފް ކްރާފްޓާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ ޢާދަމް އާޒިމްއެވެ. އަދި ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްޝާލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މި ނިޒާމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ވަރަށް އިތުބާރާއެކުކަމަށާއި ނިޒާމު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ފަށާ ފެރީގެ އެންމެ ފުރިހަމަ ނިޒާމަށްކަމަށެވެ. ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާ، އަދި ރަށްރަށުގައި ހަދާ ޓަރމިނަލްތަކާ ފެރީ ސްޓޮޕްތައް އަދި ދަތުރުތަކުގެ ޝެޑިއުލްތަކަކީވެސް ސީދާ މިކަމަށް ފަރުމާކުރާ ޚާއްސަ ކަންކަމަށް ވާނެކަމަށެވެ.

ފެރީ ނިޒާމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. ގަލްފް ކްރާފްޓާ ހަވާލުކޮށްފައިވަނީ ޒޯން 1ގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތެވެ. ސަރުކާރުގެ އަމާޒަކީ ޒޯން1ގެ ޚިދުމަތް އަހަރުގެ ފަހު ކުއާޓަރުގައި ފެށުމެވެ. އެމްޓީސީސީން ބަނުމަށް ހަވާލުކުރި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކުގެ ސްޕީޑަށްވުރެ ތިން ގުނަ އަވަސްވާނެކަމަށް އެމްޓީސީސީން ބުނެއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަރާފައިބާނެ ފަސޭހަ އިންތިޒާމާ ބަލި މީހުން ގެންދަން ސްޓްރެޗަރ ބެހެއްޓޭނެ ގޮތް ހުންނާނެ. ދެން ހާއްސަ ޙާލަތްތަކާ ގުޅިގެން ގިނައިން ދަތުރުކުރާ މީހުންނަށް ޚާއްސަ ޕެކޭޖްތައް ހުންނާނެ. ކައިރި ރަށްރަށަށް ދުވާލަކު ދެ ދަތުރުވެސް އޮންނާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެރީ ނިޒާމަށް މުއައްޒަފުން ނެގުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށެވެ. މި ޚިދުމަތަށް 80 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އާޒިމް ވިދާޅުވީ އުޅަނދުތަކުގައި ޚިދުމަތްދޭ މުވައްޒަފުން ވާނީ، މިހާރު ވައިގެ ދަތުރުތަކުގައި ޚިދުމަތްދޭ ކްރޫއިން ގޮތަށް ޚާއްސަ ތަމްރީންތަކާއެކު ޚިދުމަތްދޭ ކްރޫއިންނަށްކަމަށެވެ. އަދި ޒަމާނީ މި ޚިދުމަތް ވެގެންދާނީ ރައްޔިތުންނަށް އަތްފޯރާފަށުގެ ހެޔޮ އަގުގައި ދޭ ޚިދުމަތަކަށްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ނިޒާމުގެ ސަަބަބުން އާ ވަޒީފާތައް އުފެދުމާއި ލޯކަލް ފަތުރުވެރިކަން ފަދަ ދާއިރާތައް ފުޅާވެގެންދާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ގަލްފް ކްރާފްޓްގެ ޗެއަރމަން މުޙައްމަދު އަލްޝާލީ ވިދާޅުވީ މިއީ އެކުންފުނިން ވިޔަފާރީގެ ގޮތުން ބައިވެރިވި ޕްރޮޖެކްޓެއް ނަމަވެސް ކުންފުނީގެ އެންމެ ބޮޑު ޒިންމާއަކީ، އާއްމުންނަށް އެންމެ ބޭނުންތެރިވާނެހެން ބޭނުންކުރަން ފަސޭހަ އުޅަނދުތަކެއް އުފެއްދުންކަމަށެވެ. އަދި އުޅަނދުތައް ވެގެންދާނީ ކޮލިޓީ ރަނގަޅު، ދިގު މުއްދަތަށް ބޭނުންކުރެވޭ އުޅަނދުތަކަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަށާ އަދި މުޅި ދިވެހި މުޖުތަމަޢުއާ ފަތުރުވެރިކަމަށްވެސް މުހިންމު މަސައްކަތެއް މިއީ. މިޢީ ޢާއްމު ޚިދުމަތެއް ދިނުމަށް ކުރާ މަސައްކަތަކަށްވާތީ، މި މަސައްކަތަށް ޚާއްސަ އިސްކަމެއް ދޭނެކަމުގެ ޔަގީންކަންދެން." މުޙައްމަދު އަލްޝާލީ ވިދާޅުވިއެވެ.

"އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ނިޒާމުގެ ދަށުން ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތްދޭނެއެވެ. އަދި ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކައިރި ރަށްރަށަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.