ސަރުކާރުން 2021ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 1000އަށްވުރެ ގިނަ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިމެނެއެވެ. ރައްޔިތުންނަށް މުހިންމު އެތައް މަޝްރޫޢުތަކެއްގެ މަސައްކަތް ނުކުރެވި ހުއްޓިފައިވަނިކޮށް، ސަރުކާރުން މިވަނީ މިގޮތަށް ހުރި އެތައް މަސައްކަތްތަކެއް އަލުން ސުމަކުން ފަށާފައެވެ.
ފެނާ ނަރުދަމާއާ، ބަނދަރާ، މަގުތައް ހެދުމާ ވައިގެ ދަތުރުން ރާއްޖޭގެ އެކަހެރި ސަރަޙައްދުތައް ގުޅާލުމުގެ އެތައް މަޝްރޫޢުތަކެއް މިވަނީ ފަށާފައެވެ. ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާއިރު، %17މަސައްކަތްތަކަކީ މިހާރު ސައިޓުތަކުގައި ފަށައިގެން ކުރިއަށްދާ މަސައްކަތްތަކެވެ. ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 226މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ރަށްރަށުގެ ސައިޓުތަކުގައި ދަނީ ކުރަމުންނެވެ.
މިހާރަށް ބަލާއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޙިއްސާދާރަކީ ރައްޔިތުންގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއެވެ. ކުންފުނީގެ 40އަހަރުގެ ތާރީޚަށް ބަލާއިރު، ވޭތުވެގެން މިދާ 2އަހަރަކީ މުޅި ތާރީޚުގެ އެންމެ ހިންގުންތެރި 2އަހަރެވެ. އާ އެތައް މަޝްރޫއެއްގެ ހިއްސާދާރަކަށްވެ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ކުންފުނިން 80 ޕްރޮޖެކްޓްގައިވަނީ ސޮއިކޮށްފައި. އަދި މިވަގުތު ޖުމްލަ 60 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސައިޓުގައި އެބަ ކުރިއަށްދޭ. މިއީ އެހެން އަހަރުތަކާ ބަލާއިރު 3ގުނަ އިތުރު މަސައްކަތްތައް." އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ކުރިން، އަހަރަކު 20މަޝްރޫޢު ހިންގި ކުންފުނީގެ ސްޕީޑަކީ މިހާރު ތިން ގުނަ އިތުރު ސްޕީޑެކެވެ. އެމްޓީސީސީގެ މަސައްކަތްތައް ފުޅާވެ ބޮޑެތި ބިޔަ މަޝްރޫޢުތަކަށްވެސް ކުންފުނިން މިހާރުވަނީ ވަދެފައެވެ. ފަރެސްމާތޮޑާ އާއި މީމު އެއަރޕޯޓް މަސައްކަތާއި، އައްޑޫ އިންޓަނޭޝަނަލް ޕޯޓާ، ހޮސްޕިޓަލް ތަރައްޤީކުރުމާ، ބޮޑެތި ޒަމާނީ ބަނދަރުތަކުގެ މަސައްކަތްތަކެވެ. އެ ކުންފުނިން ފުވައްމުލަކުގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ކުރިއަށްގެންދާ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢުވެސްމެއެވެ.
ސީއީއޯ އާޒިމް ވިދާޅުވީ ނިމުނު 2020ވަނަ އަހަރަކީ ކުންފުންޏަށް އެތައް ގޮތަކުން ފާހަގަކޮށްލެވޭ އަހަރެއްކަމަށެވެ. އެންމެ ގިނަ މަޝްރޫޢުތައް ނިންމުމާ، އަދި އެންމެ ގިނަ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީވެސް 2020ވަނަ އަހަރުއެވެ. ކުންފުނީގެ 40އަހަރުގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީވެސް އެ އަހަރުއެވެ.
"އަގުގެ ގޮތުން ބަލާނަމަ 4.7ބިލިއަން ރުފިޔާގެ މަޝްރޫޢުތައް މިވަގުތު އެބަ ފަށައިގެން ކުރިއަށްދޭ. ޖުމްލަ 5.5ބިލިއަން ރުފިޔާގެ މަސައްކަތް ކުންފުންޏާ ހަވާލުކޮށްފައި އެބަހުރި. މީގެ ކުރިން، އަހަރަކު ކުރެވޭނީ 1 ބިލިއަން ރުފިޔާގެ މަސައްކަތް. މިކަމުން ފެންނަނީ ސަރުކާރާ ރައްޔިތުންގެ އިތުބާރު ކުންފުންޏަށް ލިބިފައިވާ މިންވަރު." އާޒިމް ވިދާޅުވިއެވެ.
ކުރީގެ އަހަރުތަކުގައި ރަށްރަށުގައި ފެށި ބައެއް މަސައްކަތްތަކަކީ، ބިންގަލާ ހަމައިން ނިންމާލި މަސައްކަތްތަކެވެ. ކުދިކުދި މަސައްކަތްތައްވެސް ނުނިމި، އޭގެ މަންފާ ރައްޔިތުންނަށް ނުލިބި 3-4އަހަރު ވެފައިވާ މަޝްރޫޢުތައްވެސް މަދެއް ނޫނެވެ. ނަމަވެސް މިހާރު މިކަންވަނީ މުޅިން ބަދަލުކޮށްލާފައެވެ. މިހާރު ފެންނަނީ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް ނިންމައި، އާއްމުންނަށް ފުރިހަމައަށް މަންފާ ލިބިގެންދާ މަންޒަރެވެ.
"ކުރިން ބަނދަރެއް، އެއަރޕޯޓެއް ނިންމަން 3-4އަހަރުވެސް ހޭދަވެފަ އެބަހުރި. މިހާރުގެ ސްޕީޑަކީ ބަނދަރެއް 8މަހާ-1އަހަރާ ދެމެދުގެ މުއްދަތުގައި ނިންމުން. އެއަރޕޯޓެއް ނިންމާ ޚިދުމަތް އެބަ ފެށޭ އަހަރެއް ތެރޭ. މިއީ މިހާރު އެމްޓީސީސީގެ ސްޕީޑަކީ." ޢާދަމް އާޒިމް ވިދާޅުވިއެވެ.
ދިވެހިންގެ މަސައްކަތްތައް ދިވެހި ކުންފުންޏާ ހަވާލުވުމާއެކު، މުޅި އުމްރާނީ ތަރައްޤީގެ ދާއިރާއަށް ރައްޔިތުންގެ އިތުބާރުވަނީ ބޮޑުވެފައެވެ. މިއީ މީގެ ކުރީގެ ތާރީޚުތަކުގައި ފެނުނު މަންޒަރެއް ނޫނެވެ. ބޭރުގެ ކުންފުނިތަކަށް ބަރޯސާވެ، އެތައް އަހަރަކަށް ދެމިގެންދިޔަ މަޝްރޫޢުތަށް މަދެއްނޫނެވެ.
ރައްޔިތުންގެ ކުންފުނި އެމްޓީސީސީންދަނީ ކުންފުނީގެ އެކިއެކި މަސައްކަތަށް ދިވެހިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކުންފުނީގެ އަމާޒަކީ މަސައްކަތުގައި ވީހާވެސް ގިނަ ދިވެހި މުއައްޒަފުން ބައިވެރިކޮށް، ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމެވެ. އެގޮތުން މިހާރު ދިވެހިންނަށް ޚާއްސަކޮށްގެން 250އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލާ އެފުރުސަތުތަކަށް މީހުން ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކުންފުނީގެ ޢަމާޒަކީ، ރައްޔިތުން ބޭނުންވާ ފަރުމާތަކާއެކު އެ މަސައްކަތަކުން ދިގު މުއްދަތަށް މަންފާ ލިބޭނެ މަސައްކަތްތަކެއްގެ ގޮތުގައި ޕްރޮޖެކްޓްތައް ނިންމާ ދޫކޮށްލުމެވެ.