ކޯވިޑް-19

ކޯވިޑް-19 : އަންނަ އާދިއްތަދުވަހު ފައިޒަރ ވެކްސިން ޖަހަން ފަށަނީ


އަންނަ އާދިއްތަދުވަހު ރާއްޖޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭއިން މިމަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ފައިޒަރ ވެކްސިން ދޭން ތައްޔާރުވާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 5500 ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަނޑުގޮތެއްގައި ޖަހާނީ މާލޭގައިކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ފައިޒަަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާ މީހުން :

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން
  • ޤަވާޢިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

ފައިޒަރ ވެކްސިނަކީ ޢުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ހިމެނެނީ :

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
  • ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
  • ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
  • ހަކުރުބަލީގެ ކުދިން
  • ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • ޑައުންސިންޑްރޯމް ހުންނަ ކުދިން
  • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަނގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ)


އެހެންކަމުން އެފަދަ ބަލި ޙާލަތު މެދުވެރިފައިވާ މީހުން ފައިޒަރ ވެކްސިން ޖެހުމަށްޓަކައި https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓަރ ކުރެއްވުމަށް އެޗް.ޕީ.އޭއިން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ފައިޒަރ ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންކަމަށާއި، މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގަކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި، މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް 3 ވެކްސިނަކަށް ރާއްޖޭގައި ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ.