ޒަމާނުއްސުރެ ރާއްޖޭގެ ޞިއްޙީ ނިޒާމު ރޭވިފައިވާގޮތުން މާލޭ ސަރަޙައްދަށް ބާރޯސާވެފައި އޮންނަންޖެހޭ ޖެހުމަކީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ. ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް މާލެ އައިސް ކުލި ދައްކައިގެން ތިބެންޖެހުމާއި ބޭސްފަރުވާ ހޯދުމަށްޓަކައި އަތުން ބޮޑު ޚަރަދެއް ކުރަންޖެހުމަކީ ރައްޔިތުން އުފުލަންޖެހިފައި އޮތް ބޮޑު ތަކުލީފެކެވެ.
މި ތަކުލީފަށް ނިމުމެއްގެނެސް، ރާއްޖޭގެ ޞިއްޙީ ނިޒާމު ލާމަރުކަޒު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި އެކަށީގެންވާ ޚިދުމަތްތަކާއެކު ޓާރޝަރީ ހޮސްޕިޓަލްތައް ޤާއިމްކޮށް މާލެއާ އެއްފެންވަރަކަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ފަށްޓަވާފައެވެ.
މި މަސައްކަތް މިހާރުވެސް ހުއްޓުމެއް ނެތި ކުރަމުން އަންނައިރު މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ވަނީ މިއަދާހަމައަށް އައިރު މުޅިން އައު ޚިދުމަތްތަކެއްވެސް ތަޢާރަފްކޮށްފައެވެ. މިއާއެކު ޓާރޝަރީ ހޮސްޕިޓަލްތަކަށް އޮތް ޑިމާންޑް ބޮޑުވެ، އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންގެ ޢަދަދުތައް ވަނީ އެތައްގުނައެއް އިތުރުވެފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ޖުމުލަ 19 ޑޮކްޓަރުންނާއި 93 ނަރުހުންނާއެކު ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މުޅިން އަލަށް 17 ޚިދުމަތެއް އެތަނުގައިވަނީ ފާށާފައެވެ.
މީގެ ތެރޭގައި އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތަކާއެކު ވަނީ ޚިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭންވެސް މިހާރު ވަނީ ފަށާފައެވެ. ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަތޮޅުތެރޭން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާފައިވަނީވެސް މި ހޮސްޕިޓަލުންނެވެ.
2018 : 93،381 މީހުން
2019 : 95،213 މީހުން
2020 : 101،362 މީހުން
2021 (މާރިޗުގެ ނިޔަލަށް) : 24،924 މީހުން
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ވަނީ 8 ޚިދުމަތެއް ފަށާފައެވެ. އެ ހޮސްޕިޓަލުގައި ޑޮކްޓަރުގެ ގޮތުގައި 15 ޑޮކްޓަރުން ހަރަކާތްތެރިވަމުން އަންނައިރު 81 ނަރުހުން ބަލިމީހުންނަށް ޚިދުމަތް ކުރުމަށްޓަކައި އެބަތިއްބެވެ. އޭގެ ތެރޭގައި 29 ނަރުހުންނަކީ ދިވެހިންނެވެ.
އުނގޫފާރު ހޮސްޕިޓަލުގައި އަލަށް ވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ޚިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭން ވަނީ ފަށާފައެވެ. ހޮސްޕިޓަލަށް 6 ޕްރައިވެޓް ރޫމް އިތުރުކޮށްފައިވާއިރު މަރާމާތުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
2018 : 56،732 މީހުން
2019 : 53،511 މީހުން
2020 : 69،221 މީހުން
2021 (މާރިޗުގެ ނިޔަލަށް) : 19،585 މީހުން
ގދ. ތިނަދޫގައި ހުންނަ މިހޮސްޕިޓަލުގައި އަލަށް އިމާރާތްކުރާ 14 އޯޕީޑީ ރޫމުގެ އޯޕީޑީ އޭރިއާއަކާއި، 2 ލޭބަރ ސޫޓް އަދި އެންއައިސީޔޫ ހިމެނޭ ގޮތަށް 04 ޕްރައިވެޓް ރޫމު ހިމެނޭ އިމާރާތް ހެދުމާއި މިހާރުގެ އޯޕީޑީ އޭރިއާ އީއާރްއަކަށް ބަދަލުކުރުމަށް ހަމަޖެހި މިޕްރޮޖެކްޓް މޮބިލައިޒްކޮށް މިއަހަރުގެ އޯގަސްޓް މަހު ވަނީ މަސައްކަތް ފެށުމަށް ނިންމާފައެވެ.
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ޚިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވިފައިވާއިރު މި ހޮސްޕިޓަލުން އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާއާއި ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ވަނީ ނިންމާލާފައެވެ. އަދި ހޮސްޕިޓަލުން ސައިކޭޓްރިސްޓްގެ ޚިދުމަތް ދެމުން އަންނައިރު ހޮސްޕިޓަލުގައި މަރާމާތު ކުރުމަށް ހުރި މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
2018 : 56،540 މީހުން
2019 : 60،308 މީހުން
2020 : 51،596 މީހުން
2021 (މާރިޗުގެ ނިޔަލަށް) : 12،005 މީހުން
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި 15 ޑޮކްޓަރުން ތިބި އިރު 79 ނަރުހުން އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ ދިވެހި ނަރުހުންކަން ފާހަގަކުރެވެއެވެ. މިގޮތުން 41 ދިވެހި ނަރުހުން ބަލިމީހުންނަށް އަންނަނީ ޚިދުމަތްދެމުންނެވެ. ގަން ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޢަދަދެއްގެ މެޑިކަލް އިކުއިޕްމަންޓް މިދިޔަ އަހަރު ވަނީ ގެންގޮސްފައެވެ. އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތަކާއެކު އެ ޚިދުމަތް މި ހޮސްޕިޓަލުގައި ވަނީ ފުޅާކޮށްފައެވެ.
މި ހޮސްޕިޓަލުގައި މުޅިން އަލަށް އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭންފަށާފައިވާއިރު ފުޓުނި އަދި ރޫޓް ކެނަލްގެ ޚިދުމަތްވެސް މިހާރު އަންނަނީ ދެމުންނެވެ. މި ހޮސްޕިޓަލުގައި ތަފާތު ޚިދުމަތްތައް ދިނުމަށްޓަކައި އިމާރާތްތައް އަޅަމުން އަންނައިރު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތްތަކާއި ސީޓީ ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
2018 : 54،071 މީހުން
2019 : 44،505 މީހުން
2020 : 103،570 މީހުން
2021 (މާރިޗުގެ ނިޔަލަށް) : 17،054 މީހުން
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކީ އައްޑޫއެވެ. އަައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ އެސިޓީއާއި އެހެން އަތޮޅުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ގުޅިގެން ވޭތުވެ ދިޔަތާގައި އެތަނުގައިވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައެވެ.
އެ ހޮސްޕިޓަލުގައި 20 ޑޮކްޓަރުންނާއި 104 ނަރުހުން އަންނަނީ ބަލިމީހުންނަށް ޚިދުމަތްދެމުންނެވެ. ސަރުކާރުން މި ހޮސްޕިޓަލަށް ބޭނުންވާ ވަޞީލަތް ފޯރުކޮށްދެމުން އަންނައިރު މިހާރުވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެންގޮސް ވަނީ ފުރިހަމަކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ވަނީ ދޭންފަށާފައެވެ. ކާރޑިއޮލޮޖީގެ ޚިދުމަތާއި ސްޕީޗް ތެރެޕީގެ ޚިދުމަތްވެސް ވަނީ ދޭންފަށާފައެވެ.
2018 : 54،939 މީހުން
2019 : 49،117 މީހުން
2020 : 75،302 މީހުން
2021 (މާރިޗުގެ ނިޔަލަށް) : 20،451 މީހުން
ކޮންމެ އަކަަސް މި ތަފާސް ހިސާބުތަކުން ސާފުވާ އެއްކަމެއް އެބައޮތެވެ. އެއީ ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމަކަށް އަތޮޅުތެރެ ބޭނުންޖެހިފައިވާ މިންވަރެވެ. ޓާރޝަރީ ހޮސްޕިޓަލްތަކަށް ރައްޔިތުންގެ ޑިމާންޑް އޮތް މިންވަރެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19އާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލޭ ސަރަޙައްދު ފުރަބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައި، ރައްޔިތުން މުޅިންހެން ބަރޯސަވީ، ޓާރޝަރީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މި 5 ހޮސްޕިޓަލަށެވެ. އަތޮޅު ތެރޭގައި މީގެ ކުރިން ނުހެދޭ އެތައް ޓެސްޓްތަކަކާއި، އޮޕަރޭޝަންތަކެއް މިހާރު އަންނަނީ މި ހޮސްޕިޓަލުތަކުގައި ކާމިޔާބުކަމާއެކު ކުރަމުންނެވެ. ޞިއްޙީ ނިޒާމު ލާމަރުކަޒު ކުރުމުގެ ހަޤީޤީ ފައިދާ ރައްޔިތުންނަށްވަނީ ލިބެންފަށާފައެވެ.