ތަޢުލީމު

"ޗިއަރިންގ-އަޕް ސްޓޫޑެންޓްސް" ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ދިޔަ ކުދިން ހޮވައިފި


"ޗިއަރިންގ-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޮވިޑް-19 އެކްޓިވިޓީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ އިއުލާނުކޮށް ވަނަތައް ޙާޞިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާ ޓްރޮފީ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕަނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ޖައިކާ އެލަމްނައި ސޮސައިޓީ އޮފް މޯލްޑިވްސް (ޖޭ.އޭ.އެސް.އެމް) ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި މި މުބާރާތަކީ ކޯވިޑް-19އާއި ގުޅިގެން ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލާއިރު ހިތްވަރު އާކޮށްދީ އަދި ކޯވިޑް ފަދަ ބަލިމަޑުކަމުން ސަލާމަތްވުމުގައި ޢައްމު ސާފުތާހިރުކަމަށް ހިތްވަރުދީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ.

މުބާރާތުގެ ނަތީޖާ އިއުލާނުކޮށް ވަނަތައް ޙާޞިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާ ޓްރޮފީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދެވެ. އިނާމުތައް އެޑިޔުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ކަވަސަކީ މިޓްސުޔާޝީއެވެ.

މުބާރާތުން ވަނަވަނަށް ދިޔަ ފަރާތްތަކަކީ :
- ކީސްޓޭޖް 1 އިން އެއްވަނަ ޙާޞިލްކުރީ : ސީ. މަރަދޫ ސްކޫލުގެ ގްރޭޑް 2 ގެ ދަރިވަރު އާމިނަތު އެލީނާ މުހައިމިން
- ކީސްޓޭޖް 2 އިން އެއްވަނަ ޙާޞިލްކުރީ : ބ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރު ފާތިމަތު ސާޔާ ޙަސަން ސިމްރާޙު
- ކީސްޓޭޖް 3 އިން އެއްވަނަ ޙާޞިލްކުރީ : ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް ޒާޔަން ޙުސައިން ޢަލީ

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވަނީ ޖައިކާއިން އެޑިޔުކޭޝަން މިނިސްޓްރީއަށް ތަފާތު ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޖައިކާއަށާއި ޖަޕާން ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ޙަރކާތްތައް ސްކޫލް ދަރިވަރުންގެ މެދުގައި ކުރިޔަށް އޮތްތާނގައިވެސް ޖައިކާގެ ފަރާތުން ކުރިޔަށް ގެންގޮސް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ޖައިކާއަކީ ރާއްޖޭގެ ސްކޫލްތަކަށް ވޮލަންޓިއަރުން ފޮނުވައިގެން ޕީ.އީ މާއްދާ ކިޔަވައިދިނުމުގައި ޚާއްޞައެހީތެރިކަމެއް ފޯރުކޮށްދެއްވަމުންދާ ޖަމާޢަތަކަށްވާތީއާއެކު ޖައިކާއިން ހުޅުވާލި މި ޕްރޮގްރާމްގައި ދެވަނަ ޙަރަކާތަކަށް ކުރިޔަށް ގެންދިޔައީ 'އެންޖޯއިން އެކްސަސައިޒް' މި ސުރުޚީގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި ޕީ.އީ ކުރިޔަށް ގެންދެވޭގޮތް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ތައްޔާރުކޮށް ހުށަހެޅުމެވެ. އެގޮތުން ޕީ.އީ ވީޑިއޯ ކޮމްޕެޓިޝަންގެ 1 ވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. އަދި 2 ވަނަ ގދ. ތިނަދޫ އަބޫބަކުރު ސްކޫލު ހޯދާފައިވާއިރު، 3 ވަނައަށް ގޮސްފައިވަނީ އަމީނިއްޔާ ސްކޫލެވެ.

ޗިއަރިންގ-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޮވިޑް-19 އެކްޓިވިޓީ މުބާރާތުގެ ކީސްޓޭޖް 1 އާއި 2 އަށް މުބާރާތް ޚާއްޞަކޮށްފައިވަނީ 'ހައިޖީން އެވެއާނަސް' މި ސުރުޚީއަށެވެ. އަދި ކީސްޓޭޖް 3 އަދި 4އަށް ޚާއްޞަކޮށްފައިވާ ސުރުޚީ އަކީ 'ބިޔޯންޑް ކޯވިޑް-19، ބިލްޑް ބެކް ބެޓަރ' މި ސުރުޚީއެވެ.

ކުރެހުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކޮންމެ ކީސްޓޭޖަކުންވެސް އެންމެ ފާހަގަކޮށްލެވުނު ކުރެހުންތަކަށް ސެޓްފިކެޓް ދިނުމަށް ޖައިކާއިން ނިންމާފައިވެއެވެ. ޕީ.އީ ވީޑިއޯ މުބާރާތުން ވަނަތައް ޙާޞިލްކުރި ސްކޫތަކަށް ދަރިވަރުންނަށް ޕީ.އީ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރުމަށް އެހީތެރިވެދޭ އައިޓަމްތައް ޖައިކާގެ ފަރާތުން އިނާމުގެ ގޮތުގައި ހުށަހަޅުއްވާފައިވެއެވެ.