ޚަބަރު

އާ ޚިދުމަތްތަކާއެކު މުލީ ރީޖަނަލް ހޮސްޕިޓަލް އިތުބާރު ހިފޭ ހޮސްޕިޓަލަކަށް


އަތޮޅުތަކުގެ 5 ސަރަހައްދުގައި ހަދާފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން، މިހާތަނަށް އައިއިރު އެންމެ ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް އެއް ހޮސްޕިޓަލަކީ މުލަކަތޮޅުގައި ހުންނަ މުލީ ރީޖަނަލް ހޮސްޕިޓަލްއެވެ. އާބާދީ ކުޑަ ނަމަވެސް، ސިއްޙީ ޚިދުމަތް ހޯދުމަށް އެ އަތޮޅުގެ ހުރިހާ ރަށްރަށާ އަދި ކައިރި ބައެއް އަތޮޅުތަކުންވެސް އެހޮސްޕިޓަލަށް މީހުން އާދެއެވެ.

ނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ހޮސްޕިޓަލްގެ ޑިމާންޑް މުޅިންހެން ކުޑަވެގެންދިޔައީ، އާއްމުކޮށް ހޯދާ ސިއްޙީ ޚިދުމަތްތަކުގެ ޑޮކްޓަރުން ނެތުމާ ޓެސްޓު ހެދޭނެ ވަސީލަތްތައް ހޮސްޕިޓަލްގައި ނެތުމުގެ ސަބަބުންނެވެ. އަދި ޑޮކްޓަރުން ތިބި ނަމަވެސް ވަސީލަތް ނެތުމުގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވިއެވެ.

ނަމަވެސް ސަރުކާރުން އަމާޒަކީ މާލެއަށް ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދަން އަންނަންޖެހުނު ޖެހުން ކުޑަކޮށް، އެ ސަރަޙައްދަކުން ފަސޭހައިން ބޭސްފަރުވާ ހޯދޭނެ ގޮތެއް ހަމަޖެއްސުމެވެ. މި ޢަމާޒަށް ވާސިލްވުމަށް މި 2އަހަރު ކުރެވުނު މަސައްކަތްތަކުގެ ފޮނި ނަތީޖާވެސްވަނީ ފެންނަން ފަށާފައެވެ.

މުލީ ހޮސްޕިޓަލަކީ 30އަހަރުގެ ދިގު މާޒީއެއް އޮތް ހޮސްޕިޓަލެވެ. ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް ވަސީލަތްތައް އިތުރުކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނާކަށް ނެތެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަޙުމަދު ނާފިޒް ވިދާޅުވީ އަހަރުތަކަކަށްފަހު ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި، ވޭތުވެދިޔަ 2އަހަރުތެރޭ ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.

ނާފިޒް ވިދާޅުވީ މިވަގުތު ހޮސްޕިޓަލްގައި ސްޕެޝަލިސްޓް 6 ޑޮކްޓަރުންނާ، 8 މެޑިކަލް އޮފިސަރުން ޚިދުމަތްދެމުންދާކަމަށެވެ. ކުރިން މަސައްކަތް ކުރަމުންއައީ 2 މެޑިކަލް އޮފިސަރުންނެވެ. ނާފިޒް ވިދާޅުވީ ޑޮކްޓަރުން ޗުއްޓީއަށް ދިއުމުން، ރިޕްލޭސްމަންޓް ޑޮކްޓަރުން ނުލިބޭ މައްސަލަވެސް މުޅިން ޙައްލުވެފައިވާކަމަށެވެ. އާއްމުން އެންމެ ބޮޑަށް އެދެމުން އަންނަ އެތެރެ ހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް މިހާރު އެ ހޮސްޕިޓަލްގައިވަނީ ފަށާފައެވެ.

"ޕޭޝަންޓް ލޯޑަށް ބޮޑެތި ބަދަލުތައް އައިސްފި. ކުރިން ދުވާލަކު 25-30މީހުން ޑޮކްޓަރަށް ދައްކަނީ. މިހާރު 70-80މީހުން ދައްކާ. ބަންދު ދުވަސްތަކުގައި 100އިން މައްޗަށް އަރާ." ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ ހޮސްޕިޓަލަށް އޮންނަ އިތުބާރު ބޮޑުވެ، ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އަދަދު މި ދެއަހަރުތެރޭ މަޑުމަޑުން އިތުރުވަމުން އަންނަކަމަށެވެ. ނާފިޒް ވިދާޅުވީ އަލްޓްރާ ސައުންޑް ސްކޭންތައް ހެދުމަށް ބޭނުންވާ ވަސީލަތްތައްވެސް ރަށަށް ގެނެސް، މިހާރު ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެއިތުރަށް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ، ދަރިމައިވުމާ ގުޅޭ މައްސަލަތަކާގުޅޭ ކްލިނިކެއްގެ ޚިދުމަތް ފެށުމަށްވެސް އެ ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.

ނާފިޒް ވިދާޅުވީ މީގެކުރީގައި ހޮސްޕިޓަލުން ލިބޭ ފަރުވާތައް މަދުވުމުގެ ސަބަބުން، ކުދި ކުދި ކަންކަމުގައިވެސް ޕޭޝަންޓުން މާލެ ފޮނުވަން ނުވަތަ އެހެން ހޮސްޕިޓަލްތަކަށް ފޮނުވަންޖެހޭކަމަށެވެ. ނަމަވެސް އާ ޚިދުމަތްތަކާއެކު މިކަން މުޅިންހެން ނިމުމަކަށް ގެނެވިފައިވާކަމަށެވެ.

"ކުރިން ބުނެވިދާނެ މިއީ ރިފަރަލްއަށް ހުރި ހޮސްޕިޓަލެކޭވެސް. މިކަމުގެ ސަބަބުން ހޮސްޕިޓަލްގެ ޑިމާންޑް ވަރަށް ދަށްވި. މިހާރު ހަމައެކަނި ޚާއްސަ ހާލަތުގައި، ނެތް ސްޕެޝަލިޓީއަށް މީހުން ފޮނުވަންޖެހެނީ. އެކަމަކު އެއީ %0.01 އޭވެސް ބުނެވިދާނެ." ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އާސަންދައިގެ އެހީގައި ބޭސްފަރުވާއަށް ފޮނުވުމުގެ ދަތުރަށް މީގެކުރީގަ ބޮޑެތި ޚަރަދުތައް ކޮށްފައިވާކަމަށެވެ.
ނަމަވެސް މަޑުމަޑުން ހޮސްޕިޓަލްގައި އާ ޚިދުމަތްތައް ފަށަމުންއަންނައިރު، ރައްޔިތުން އިތުރަށް ބޭނުންވާ ސްޕެޝަލިޓީ ޑޮކްޓަރުން ހޯދުމަށްވެސް ހެލްތު މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހޮސްޕިޓަލްގެ އިމާރާތަށްވެސް ބަދަލުގެނައުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.