ތަރައްްޤީ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި


ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާގެ ޓީމެއް މިއަދު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޒިޔާރަތްކޮށްފައެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިޔަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އައު ޑޮމެސްޓިކް ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، ފަޔަރ ސްޓޭޝަން ޢިމާރާތްކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ހުރި ޓަރމިނަލް އިންޓަރނޭޝަނަލް ޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން އެއަރޕޯޓަށް ދިޔުމަށް އިތުރު މަގެއް ތަރައްޤީކޮށް، ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެކަމަށާއި، އެއަރޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އެއަރޕޯޓުގައި ސޯލަރ ޕެނަލް ހަރުކުރެވިގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ރާއްޖޭގެ އުތުރުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަަސައްކަތްވެސް އިންޑިއާ ސަރުކާރުގެ އެހީގައި ދަނީ ކުރަމުންނެވެ. އެގޮތުން އެ މަޝްރޫޢުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިހާރު ވަނީ ހުޅުވާލާފައެވެ.