ކޯވިޑް-19

ކޯވިޑް-19 : ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރައްވައިފި


ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ކޮވިޝިލްޑް ވެކްސިންގެ 2 ޑޯޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމަކުރައްވައިފިއެވެ.

ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކުރައްވާ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާވެފައިވާ ފަރާތްތަކުން ދެވަނަ ޑޯޒް ވީހާވެސް އަވަހަކަށް ފުރިހަމަކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިނުވާ ފަރާތްތަކުންވެސް، ލަސްނުކޮށް، ވެކްސިން ޖެހުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ ސޯޝަލް ސެންޓަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮވިޝިލްޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސްވަނީ ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖައްސަވާފައެވެ. ރައީސް ނަޝީދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ ސެނެހިޔާ ހޮސްޕިޓަލުންނެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ރާއްޖޭގަިއ ވެކްސިން ޖެހުމުގެ ޕްރޮގުރާމު ފެށުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގުރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ޖައްސަވައި ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވަނީ ދައުލަތުގެ ވެރިންނެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު މުއުތަސިމް އަދުދާނު ވަނީ ވެކްސިން ޖައްސަވާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާތަނަށް 3700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 246،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި މިހާތަނަށް 3 ވެކްސިނެއް ޖެހުމަށް އެމް.އެފް.ޑީ.އޭއިން ވަނީ ހުއްދަދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ. ނަމަވެސް މިވަގުތު ދެމުންދަނީ ކޮވިޝިލްޑާއި ސިނޮފާމް ވެކްސިން އެކަންޏެވެ.