އދ.ހަންޏާމީދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެކަމަށްޓަކާ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރުޤިއްޔާ މުޙައްމަދާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުގެ އިތުރުން އެކުންފުނީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް ވިދާޅުވީ، އެކުންފުންޏަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި މި ޤައުމުގައި މިވަގުތުއޮތް އެއް ނަންބަރު ކުންފުންނިކަމަށެވެ. އަދި ހަންޏާމީދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް އެކުންފުންޏަށް ލިބިގެންދިއުމަކީ އެރަށުގެ ރައްޔިތުންނަށްވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ، ހަންޏާމީދޫގައި ޤާއިމުކުރާ ފެނުގެ ނިޒާމް ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން ޤާއިމުކުރާ ނިޒާމަކަށް ކަމަށެވެ. އަދި މިނިޒާމު ޑިޒައިންކޮށްފައިވަނީ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރަށްވެސް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެހެން ބަލައިގެންކަމަށްވެސް ޝާހް ވިދާޅުވިއެވެ.
"މި ރަށުގެ ފެނުގެ ނިޒާމް ޑިޒައިންކޮށް ނިމިއްޖެ މީގެ ދޮޅު އަހަރު ނުވަތަ ދެއަހަރު ކުރިން. އޭރު މި ރަށުގެ ގޭބިސީތަކުގެ ޢަދަދުކަމަށް ނޯޓުކުރެވިފައި އޮތީ 183 ގޭބިސީ. އެވަގުތު 183 ގޭބިސީއަށް ބެލިޔަސް ހަޤީޤަތުގައި މި ނިޒާމު ޑިޒައިންކުރެވިފައިވަނީ ކުރިއަށްއޮތް 15 އަހަރު ނޫނީ 20 އަހަރާއި ހަމައަށްވެސް މި ރަށުގެ އާބާދީ އިތުރުވާނެ މިންވަރު، އަދި ރަށަށް އުމްރާނީ ތަރައްޤީ އަންނާނެ މިންވަރު ބަލައިގެން އެއަށް ޖާގަދީގެން" ޝާހް ވިދާޅުވިއެވެ.
މި ނިޒާމުގެ ތެރެއިން ރަށުގެ ބިމުއަޑީގައި ވަޅުލާ ހޮޅިތަކަކީ ގޭގޭގެ ފެން މީޓަރުތަކާއި ހަމައަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ހޮޅިތަކަކަށްވެގެންދާނެކަމުގެ ޔަޤީންކަން ޝާހްވަނީ ހަންޏާމީދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެކަމަށް ލަފާކޮށްފައިވީނަމަވެސް، އުއްމީދަކީ އެއަށްވުރެ ކުރިން މަޝްރޫޢު ނިންމާ، ރައްޔިތުންނަށް ފެނުގެ ޙިދުމަތް ފޯރުކޮށްދިނުންކަމަށްވެސް ޝާހް ވިދާޅުވިއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން އދ.ހަންޏާމީދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ފެން ޕްލާންޓް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކާ 200 ޓަނުގެ 2 ފެންތާންގީ ބެހެއްޓުމަށް ނިންމާފައިވާއިރު، ވިއްސާރަ މޫސުމުގައި ވާރޭފެން ރައްކާކުރުމަށްޓަކާ 503 ޓަނުގެ ފެންތާންގީއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ. ފެން އުފެއްދުމަށްޓަކާ ފެން ނަގަން ހަމަޖެހިފައިވަނީ ބިމުގެ 30 ނުވަތަ 40 މީޓަރު އަޑިއަށް ބޯހޯލް ތޮރުފައިގެންނެވެ. އެގޮތުން ހަންޏާމީދޫގައި ފެން ނެގުމަށް 2 ބޯހޯލް ތޮރުފާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވެއެވެ.
ހަންޏާމީދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި މިވަގުތުވެސް މި ސަރުކާރުން ދަނީ 87.9 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ހެދުމާއި، ޕާކު ހެދުމާއި، ޓާފް ދަނޑު ހެދުމުގެ އިތުރުން ކައުންސިލް ޢިމާރާތް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢު ހިމެނެއެވެ.