ޚަބަރު

ކޯވިޑް-19 : މިއަދު 167މީހުން ޕޮޒިޓިވްވި، ބަލިން ރަނގަޅުވީ 145 މީހުން


ރާއްޖެއިން އިތުރު 164 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ، 145 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭގެ އިތުރަށް އަތޮޅުތަކުންވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އަންގާރ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 167 މީހުންގެ ތެރެއިން 86 މީހުން ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން 59 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 21 މީހުން ވަނީ ޕްޒިޓިވްވެފައެވެ. އިންޑަސްޓްރިއަލް ރަށްރަށުން އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 23،838އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު 145 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،984މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 278-0 މީހުންނެވެ. އަދި 91 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 3،493 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިބަލި ދެނެގަތުމަށް ރާއްޖޭގައި ނެގި ސާމްޕަލްގެ ޢަދަދުވަނީ ޖުމްލަ 647،093އަށް އިތުރުވެފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.