ކޯވިޑް-19

އިތުރު 2 ލައްކަ ޑޯޒް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ދީފި


އިންޑިއާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު 2 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދީފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރާޒެނެކާއާއި އޮކްސްފޯޑުގެ ވެކްސިންކަމަށްވާ "ކޮވިޝީލްޑް" ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި 2 ލައްކައަށްވުރެ ގިނަ މީހުން ޖަހާފައިވާއިރު، އިންޑިއާއިން އިއްޔެ ވަނީ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓްކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އިންޑިއާއިން މިގޮތަށް ނިންމާފައިވަނީ އެ ޤައުމުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ، ވެކްސިނަށް އޮތް ޑިމާންޑް ބޮޑުވުމުންނެވެ.

ޗައިނާއިން ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 2 ލައްކަ ޑޯޒް ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓްކުރުން އިންޑިއާއިން ވަގުތީގޮތުން ހުއްޓާލިނަމަވެސް، ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށެވެ. އެގޮތުން ރާއްޖެއަށް އިތުރު 2 ލައްކަ ޑޯޒް ދޭން ނިންމާފައިވާއިރު، އޭގެތެރެއިން އެއްލައްކަ ޑޯޒް މި ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން މިއަދު ވަރަށް ގިނަ ބައެއްގެ ހިތުގައި އޮތް ސުވާލަކީ އެއްކޮނޑަށް އެއްޑޯޒް ޖަހައިގެން ދެވަނަ ޑޯޒްގެ އިންތިޒާރުގައި ތިބެންޖެހޭނީ ކިހާ ދުވަހަކުތޯ. އެ ސުވާލުގެ ޖަވާބު މިއަދު ހެނދުނު އިންޑިއާ ސަރުކާރުން އަޅުގަނޑަށް ދެއްވާފައިވަނީ. އިންޑިއާ ސަރުކާރުން ޔަޤީންކަންދެއްވާ މި ހަފްތާގެ ތެރޭގައި ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒްގެ ދިވެހި ރައްޔިތުންނަށް ފޮނުވައިދެއްވާނެކަމަށް. އަދި ދެން އަޅުގަނޑުމެން ބޭނުންވާ އެއްލައްކަ ޑޯޒްވެސް އެއްވެސް ދަތިކަމެއްނެތި ދިވެހިރައްޔިތުންނާއި ހަމައަށް ފޮނުއްވައިދެއްވާނެކަމަށް" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޯވިޑް-19ގެ ނުރައްކާ ދުނިޔޭގައި ފެތުރިގެންދިއުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ބޮޑު އިސްކަމެއްދެއްވީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ނާންނާނެފަދަ ގޮތަކަށް ކަންތައްތައް ބައްޓަންކުރެއްވުމަށްކަމަށެވެ. އަދި ވެކްސިނެއް އުފެދި، ރައްޔިތުންނާއި ހަމައަށް ވެކްސިން އައުމުގައި ވީހާވެސް އަވަސް މަގަކުން ވީހާވެސް ގިނަ ރައްޔިތުންނަށް ވެކްސިން ލިބޭނެމަގު ފަހިކޮށްދެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއްދެއްވިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ. އެގޮތުން 1 ލައްކަ ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ. ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޖެނުއަރީމަހުގެ 28 ވަނަ ދުވަހު ހުއްދަދިނުމާއެކު، ވެކްސިން ފުރަތަމަ ޑޯޒް ރާއްޖޭގައި އާއްމުންނަށް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި އިންޑިއާއިން ވެކްސިންގެ ދެވަނަ ޝިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިހާތަނަށް 2 ލައްކަ 24 ހާހަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.