ކޯވިޑް-19

ވެކްސިން ކަވަރޭޖް ވަރުގަދަކޮށްގެން ރަމަޟާންމަހަށް ލުއިދެވިދާނެ - މައިމޫނާ


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ކަވަރޭޖް ވަރުގަދަކުރެވިއްޖެނަމަ ކުރިއަށްއޮތް ރަމަޟާންމަހު މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއްދެވިދާނެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މަައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިހެން ވިދާޅުވީ، ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކެފޭ ރެސްޓޯރެންޓްތަކަށާއި އަމިއްލަ ވިޔަފާރިތަކަަށް ލިބެމުންދާ ގެއްލުންތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ޙާޞިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން މައިމޫނާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކޮށް، ބަލި ފެތުރުން އިތުރުވިޔަނުދީ، ބަލީގެ ނުރައްކާބޮޑު ފަރާތްތައް ސަލާމަތްކުރުމަށްޓާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އާއްމު ޞިއްޙަތުގެ ޤާނޫނުގެ 12ވަނަ މާއްދާގެ ދަށުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމުށް ފުރުޞަތު ލިބުމަކީ ބަލިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކުރިއަށްދާން ލިބުނު ބޮޑު ބާރެއްކަމަށެވެ.

ބަލީގެ މިހާރުގެ ޙާލަތަށް ބަލާ، ކުރިއަށްއޮތް ރަމަޟާން މަހަށް އިތުރު ލުއިތަކެއްދޭން ގަސްތުކުރައްވާކަން ފާހަގަކުރައްވާ މައިމޫނާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވޭނެ ބަދަލުތައް ބަލާ، އުޞޫލުތައް ކަނޑައަޅުއްވާނެކަމަށެވެ. އަދި ވެކްސިން ކަވަރޭޖް ވަރުގަދަކުރެވުން ވެގެންދާނީ އެކަމަށް ލިބޭ ބާރަކަށްކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ.

"ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އިތުރު ބާރަކަށްވާނެ ވެކްސިން ޖެހުމާއި ވެކްސިން ދެވޭ ނިސްބަތަށް ބަލާފައި. ވީހާވެސް އަވަހަކަށް ވެކްސިން ޖަހައި، ރަނގަޅު ކަވަރޭޖެއް ގެނައުން މުހިއްމު" މައިމޫނާ ވިދާޅުވިއެވެ.

ކޯވިޑާއެކު ތަފާތު ތަޖުރިބާތައް ކުރެވުނުކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ހުރިހާ ދިމާލަކުން ހުރިހާ ފަރާތްތަކަށްވެސް ދަތިތައްކުރިމަތިވިކަމަށް މައިމޫނާ ވިދާޅުވިއެވެ.

ކެފޭ ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުންތަކާގުޅޭގޮތުން ވާހަކަދައްކަވަމުން މައިމޫނާ ވިދާޅުވީ، އެތަންތަނާމެދު ޚާއްސަ އުޞޫލުތަކެއް ކަނޑައަޅާފައިވަނީ އެއީ ބަލި ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑުތަންތަން ކަމަށްވާތީކަމަށެވެ. އަދި އެތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް ކުޑަކުރަނީ ބަލި ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ.

"ކެފޭ ރެސްޓޯރެންޓްތަކަކީ ވަރަށް ފަސޭހައިން ބަލި ފެތުރުމުގެ ފުރުޞަތު އޮންނަ ތަންތަން. އެއީ މާސްކް ނާޅާ ގައިދުރުކަމެއްނެތި ތިބެންޖެހޭތީ. އެކަމަކު ވަރަށް ގިނަ ފަހަރު އެތަންތަން ބަންދުނުކޮށްވާނެގޮތެއް އަޅުގަނޑުމެން ބެލިން. އެކި އިންސްޕެކްޝަންތައްކޮށް، ރައްކާތެރިކަމުގެ މިންގަނޑުތައް ކިޔައިދީ ހޭލުންތެރިކޮށްގެން" މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދައްޗެއް ދިނުމުގެ ބޭނުމުގައިނޫންކަމަށާ، އެއީ ބަލިން ރައްކާތެރިކޮށް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އެއިރެއްގެ ޙާލަތަށް ބަލާ، ބަލިން ރައްކާތެރިވުމަަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި ކުރާކަމެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ އަސާސީ މައުލޫމާތުތަކާއި، ޢަމަލުކުރަންވީގޮތުގެ ގައިޑްލައިންތައް ހާމަކޮށްފައިވާކަމަށެވެ. މި ފިޔަވަޅުތައް އަޅަމުންދަނީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކާ، ރާއްޖޭގައި ދިރިއުޅޭ އެންމެންގެ މަސްލަޙަތާއި، އެންމެންގެ އިންޓްރެސްޓްތަކަށް ބަލާފައިކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދަނީ ބައްޔާބެހޭގޮތުން ޓެކްނިކަލްގޮތުން ބަލަންޖެހޭ ހުރިހާ ކަންކަމަށް ބަލައިގެންކަމަށް މައިމޫނާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކާއެކު ބަލީގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ. މައިމޫނާ ވިދާޅުވީ، ކޯވިޑް ފެތުރުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަ ބަޔަކު އިޙްތިރާމްކުރާކަމަށާއި، އެކަން އެކި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާކަމަށްވެސް ކޮމެޓީގައި ވާހަކަދައްކަވަމުން މައިމޫނާ ވަނީ ވިދާޅުވެފައެވެ.