ޚަބަރު

ކުޑަހުވަދޫން އިތުރު 13މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ދ.ކުޑަހުވަދޫން އިތުރު 13މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި 13މީހުންނާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 19އަށް އަރާފައެވެ.
ކުޑަހުވަދޫ އެއަރޕޯޓުގައި މަސައްކަތްކުރާ 6 މީހުން ކޯވިޑަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި 6 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ހުމާއި ރޯގާގެ ޢަލާމާތް ހުރެގެން ކޯވިޑް-19އަށް ޓެސްޓު ހެދުމުންނެވެ.

ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން ބަލިމީހުންނާއި ކޮންޓެކްޓުވި މީހުންނާ އަދި ރަށުތެރެއިން ރެންޑަމް ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވީ އަލަށް ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 10 މީހުންނާ، ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވި 2 މީހުންނާ، އަދި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދި މީހެކެވެ.

ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން ކުޑަހުވަދޫގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވަރުގަދަކޮށްފައެވެ. މޮނިޓަރިންއަށް ލުމާގުޅިގެން، ހުއްދަނެތި ރަށަށް އަރާ ފޭބުންވެސްވަނީ މަނާކޮށްފައެވެ.