ޚަބަރު

ގުޅިފައިވާ ފެރީގެ ނިޒާމު - އަމިއްލަ ރަށުގައި ތިބެގެން އެތައް ފުރުސަތެއް


ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ ވަރަށްގިނަ ސަރުކާރުތަކުން މަސައްކަތްކޮށް ކާމިޔާބު ނުވެއޮތް މަޝްރޫއެކެވެ. މިމަޝްރޫޢު މިހާރު އެމްޓީސީސީއާ ޙަވާލުކޮށްގެން މިސަރުކާރުން ކުރިއަށްގެންދަން ގަސްތުކޮށްފައިވަނީ ހަމައެކަނި ދަތުރުފަތުރުގެ ލަނޑުދަނޑިއަށް ވާސިލުވުމަކަށް ނޫނެވެ. އޭގެބަދަލުގައި މިއީ ރަށު ފެރީގެ ޚިދުމަތުގައި ރަށުގެ ޒުވާނުންނަށް ހުޅުވާލެވޭ ފުރުސަތަކާއެކު އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ސަރުކާރުންވި ވަޢުދު ފުއްދުމުގައިވެސް އެޅޭ މުހިއްމު ފިޔަވަޅަކަށްވަނީ ވެފައެވެ.

ކޮންމެ ބިޔަ މަޝްރޫޢަކީ އެތައް ބައިވަރު ފައިސާއެއް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާކަމަކަށްވާއިރު އެކަންކަމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލެއް އައުމަކީ ސަރުކާރާއި ރައްޔިތުންގެވެސް އުންމީދެވެ. މިއަހަރުގެ ޖެނުއަރީމަހު، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވި "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ ބިޔަ މަޝްރޫޢުއާއެކު ރައްޔިތުންގެ ހިތުގައި އަނެއްކާވެސް ދައުރުވީ މީގެކުރީގެ ސަރުކާރުތަކުން މިފަދަ އެކި ނަންނަމުގައި ހިންގަން މަސައްކަތްކޮށް ފެއިލްވެފައިވާ އެކި ޕްލޭންތަކެވެ. އެހެންނަމަވެސް އެމްޓީސީސީއާ ޙަވާލުކޮށް ތަފާތުދެއްކުމަށް ވަރުގަދަ ޕްލޭންތަކާއެކު ގެނައި މި މަޝްރޫޢުގައި މިފަހަރުވެސް މިވަނީ ރައްޔިތުންގެ އެތައް އުންމީދެއް ކުލަވުމުގެ މަންޒަރު ދައްކުވައިދީފައެވެ.

ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ޒުވާނުންނަށް މި މަޝްރޫއާއެކު އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެކަން މިހާރުވަނީ ޔަގީންވެފައެވެ. ސަރުކާރުން މިމަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޤައުމީ ފެރީވިއުގަ ޤައިމުކުރުމުގެ މަޝްރޫޢުގެ ދަށުން އަންނަ ޖުލައިމަހު މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށެވެ. އަދި މިކަމުގައި ރަށުގައި ތިބެގެން ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ރަށު ފެރީއަށް ދިވެހިން ނެގުމުގެ ބިޔަ މަޝްރޫޢެކެވެ.

ޤައުމީ ފެރީ ވިއުގައިގެ ސަބަބުން ޖުމްލަ 81 ވަޒީފާ ހަމައެކަނި މިއޮޕަރޭޝަނާގުޅިގެން އުފެދިފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 34 އޮޕަރޭޓަރުންނާއި 36 ކްރޫއިންނާއި 11 އެޑްމިން އޮފިސަރުން ނެގުމަށްވަނީ ހަމަޖެހިފައެވެ.

"ސަރުކާރުން ބޮޑެތި ސަބްސިޑީ ދީގެން މިފަދަ ބޮޑެތި ޕްރޮޖެކްޓްސް މިހިންގަނީ ރައްޔިތުންނާ އުފާވެރި ދުޅަހެޔޮ ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މިޕްރޮޖެކްޓްގެ ތެރެއިން ސަރުކާރުގެ އެވަޢުދުފުއްދުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން." އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ރައްކާތެރި ޚިދުމަތެއް ފޯރުކޮށް ދިނުމަށްޓަކައި މިފަރާތްތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަވެސް އެމްޓީސީސީންވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގައި ހެދިފައިވާ ދަތުރުފަތުރާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވައި މިފަދަ ޚިދުމަތެއް ދިނުމަށް ފަރިތަ ބަޔަކަށް މުވައްޒަފުން ހައްދަވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ލައިސެންސް ނެތް ފަރާތްތަކަށް ލައިސަންސްވެސް އަޅުގަނޑުމެން ނަގައިދޭނަން. އަދި އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން އޮޕަރޭޝަނަލް ޓްރެއިނިންގއާއި ކަސްޓަމަރ ކެއަރ ޓްރެއިނިންގއާއި ހެލްތު އެންޑް ސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމްތައް ފުލުހުންނާ ގުޅިގެން ހިންގުމަށްވަނީ ހަމަޖެހިފައި." އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ފެރީ ވިއުގައިގެ ދަށުން މުޅި ރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު ޖުމްލަ 41 ރަށުގައި އެއްފަހަރާ މިމަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީގެ 9 ޓީމަކުން ޙަރަކާތްތެރިވަމުން އަންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިއީ ރައްޔިތުންނާއި ސަރުކާރުން އެދޭފަދަ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.