ޚަބަރު

ފެނާއި ނަރުދަމާގެ ނިޒާމެއް ނެތި ކަމަދޫ ރައޔިތުން އުފުލި ތަކުލީފް ނިމުމަކަށް


އާބާދީގެ ކުޑަބޮޑު މިނަކަށް ބެލުމެއްނެތި ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ޙާލަތުގައިވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑާނުލައި ސަރުކާރުން ހިންގަމުންދަނީ ބާރު ސްޕީޑެއްގައެވެ. ބ.އަތޮޅު ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަންނަމަހު ފެށުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުނެވެ.

މި މަސްރޫއާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ޙަސަން ޝާހް ވިދާޅުވީ ކަމަދޫ ރައްޔިތުނަށް ދިމާވެފައި އޮތް އެންމެ ބޮޑުއެއް ދައްޗަކީ ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުންކަމަށެވެ. އެހެންނަމަވެސް މިހާރު މިކަންކަމުގައި އުފުލާ ތަކުލީފަށް ދެން މާގިނަ ދުވަސްތަކެއް ނުކޮށް ނިންމެއް އަތުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތައް މިރަށުގައިވެސް ފެނާއި ނަރުދަމާގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށައި ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް ނިންމާލާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށާ މިހާރު މިމަސައްކަތް ކުރުމަށްޓަކައި ވަގުތީ ސައިޓުގެ މަސައްކަތްފެށިގެން ކުރިއަށްދާކަމަށް ޝާހް ވިދާޅުވިއެވެ. އަދި މަސައްކަތަށް ބޭނުންވާ ސާމާނު އަންނަމަހު ފެށޭހިސާބުގައި ކަމަދުއަށް ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީ ހިނގާނެ ޕްރޮޖެކްޓެއް މި މަސައްކަތް ހުއްޓައެއް ނުލާނެ، އެކަމުގެ ޔަޤީންކަން އެމްޑަބްލިއުއެސްސީން ރައްޔިތުން ދެން. މިބައްދަލުވުމުގައި މަސައްކަތުގެ ސަބްކޮންޓެކްޓަރ ވެސް ޔަގީންކަން ދެއްވާއެބަ މަސައްކަތަށް ބޭނުންވާ ސާމާނު އަންނަންވާއިރަށް ތަކެތި ބެހެއްޓުމަށް ހަދާ ސައިޓްގެ މަސައްކަތް ނިމޭނެކަމަށް. ދެން އާރުއޯ ބިލްޑިންގްގެ މަސައްކަތްވެސް އެސަރަހައްދުގައި ހުރި ރުއްގަހަށް ބަދަލުދިނުމުން ބިންސާފުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ސަބްކޮންޓެކްޓަރ މައުލޫމާތުދޭއެބަ" ޝާހް ވިދާޅުވިއެވެ.

ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ އެރަށަށް މިހާރު ބޭނުންވާ އެންމެމުހިންމު އެއް އަސާސީ ޚިދުމަތެވެ. ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ މިރަށުގެ ފެން ތަޣައްޔަރުވެ ފާޚާނާ ޖަންގްޝަންތައް ގެތަކުގައި ހަދައިގެން ގެއިން ބޮޑުޖާގައެއް ގެއްލިގެންދިއުމަކީ އެރަށު ރައްޔިތުން ކަންބޮޑުވާކަމެކަން އެރަށުން ވާހަކަދެއްކި ބައެއްމީހުންބުނެޏެވެ.

އެމީހުން ބުނީ ރަށުގެ ފެނުން ނުބައިވަސްދުވާތީ ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންވެސް ޝަކުވާ ކުރާކަމަށާ ފެނުން ނުބައިވަސްދުވާ ބައެއް ގެސްޓް ހައުސްތަކުގައި ފަތުރުވެރިން ފެންވެރުމަށް ވާރޭފެން ބޭނުން ކުރާކަމަށެވެ.

"މިވަރު ބޮޑު އުފަލެއް ކަމަދޫ ރައްޔިތުންނަށް ލިބޭނެކަމަކަށް އުންމީދެއް ނުކުރަންދެން ރަށުގެ ބައެއް ސަރަހައްދު ތަކުގައި ފެނުން ނުބައިވަސްދުވާ އެފެނުން ފެންވަރަނީ މިހާރުވެސް އެމީހުން ދެން ބައެއްމީހުން ވާރޭފެންވެސް ބޭނުންކުރޭ، މިމަސައްކަތް ނިމި ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި މިހާރު މިތިބީ." އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގެ 120 ގެއަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ފެން ރައްކާކުރުމަށް 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓައި ވާރޭފެން ރައްކާކުރުމަށް 520 އަކަ މީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް މިރަށުގައި ޤާއިމްކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހުއެވެ. 540 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މިމަސައްކަތަށް 56.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.